މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ބޭނުމަށް ތިން ރެކްރޫޓްމަންޓް އެޖެންސީއެއް ހޯދުމަށް އެ ކުންފުނިން އިއުލާނުކޮށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޕީއެލްއިން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނީ މި ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 16 ޖުލައި 2026 ގެ 13:00 ގެ ކުރިން އޮންލައިން ފޯމް ފުރިހަމަކޮށް ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 19 ޖުލައި 2026 ގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުވަންޖެހޭއިރު، އަގު ހުށަހެޅުން އޮންނާނީ 22 ޖުލައި 2026 ގެ 13:00 އަށް އެމް.ޕީ.އެލް ހެޑްއޮފީހަށް ވަޑައިގެން ކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ.
. މީގެ އިތުރުން، އަންދާސީ ހިސާބު ހުށަހަޅާއިރު ޕްރޮޕޯސަލްގެ އިތުރުން މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތަކެއް ހަމަކުރަންޖެހޭނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
މިއީ އެމްޕީއެލްގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ތިން އެޖެންސީއެއް، ކަނޑައެޅުމަށްޓަކައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެޖެންސީތަކަށް އާންމުކޮށް ހުޅުވާލާފައިވާ ބިޑެކެވެ.