ދިވެހިރާއްޖޭގައި ސައިބާ ކުށްތައް ނުވަތަ އިންޓަނެޓްގެ ޒަރީއާއިން ހިންގާ ޖަރީމާތައް ރިޕޯޓުކުރާ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 105 އިންސައްތައަށްވުރެ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސައިބާ ކްރައިމްގެ 512 މައްސަލަ ރިޕޯޓުކޮށްފައިވީ ނަމަވެސް، 2026 ވަނަ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް ބޮޑުތަނުން އުފުލިފައެވެ. މިއަހަރުގެ ތެރޭގައި 884 މައްސަލައެއްގެ ތަހުގީގު ހިނގަމުންދާއިރު، ކުރީގެ މައްސަލަތައްވެސް ހިމެނޭހެން، އެކި ފިޔަވަޅުތައް އެޅުމަށްފަހު 457 މައްސަލައެއް މިހާރު ވަނީ ބަލައި ނިންމާފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި،ސައިބާ ކުށްތަކުގެ ނިސްބަތް މިހާ ބޮޑަށް އުފުލުމުގެ މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުމެވެ. މި ތަފާސްހިސާބުތަކުން ދައްކައިދެނީ ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ފުޅާވެފައިވާކަން ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވާ ސައިބާ ކްރައިމްގެ މައްސަލަތަކަކީ، ބޭރު ފައިސާގެ މުއާމަލާތް، ސޯޝަލް މީޑިއާގެ ސްކޭމްތަައް، އަދި އޮންލައިން ޝިޕިން ސްކޭމްގެ މައްސަލައެވެ.
ވަކިވަކި ކުށްތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ޝޮޕިންގް ސްކޭމްގެ މައްސަލަތަކެވެ. މި ބާވަތުގެ މައްސަލަ 86 އިން 464 އަށް އިތުރުވެފައިވާއިރު، މިއީ 439 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިއީ މިއަހަރު އެންމެ ހަލުވިކަމާއެކު މައްޗަށް ދިޔަ ސައިބާ ކުށެވެ.
ފުލުހުން ބުނީ، މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވި ނަމަވެސް، މީގެ ކުރީ އަހަރުތަކުގައި އާންމުކޮށް ފެންނަ، މީހުންގެ ޒާތީ މައުލޫމާތާއި އަބުރާ ގުޅުންހުރި ބައެއް ކުށްތައް ދަށަށް ގޮސްފައިވާ ކަމަށެވެ.މީގެއިތުރުން، ފުލުހުން ބުނީ ސައިބާ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީވުމަށް ކުރާ މަސައްކަތުން، 182 މައްސަލައެއްގައި ފަންނީ އެހީތެރިކަން ދީ، ހެކްކޮށްފައިވާ 120 ސޯޝަލް މީޑިއާ އެކައުންޓެއް އަނބުރާ ހޯދައިދީފައިވާ ކަމަށެވެ.އެގޮތުން،ފުލުހުން ވަނީ،އާންމު ހޭލުންތެރިކަމުގެ ސެޝަންތަކުގައި ޖުމުލަ 3،143 ފަރާތަކަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ.
ފުލުހުން ބުނީ ޓެކްނޮލޮޖީއާއެކު ސްކޭމްތައް އާ އުކުޅުތަކަށް ބަދަލުވަމުންދާތީ، އެ ކުށްތައް ހުއްޓުވަން ފުލުހުންގެ ގާބިލުކަން އިތުރުކުރަމުންދާ ކަމަށެވެ. ނަމަވެސް، ސައިބާ ކުށްތަކުން ރައްކާތެރިވުމަށް އެންމެ މުހިންމީ އާންމުން ހޭލުންތެރިވުމާއި، އޮންލައިން މުއާމަލާތްތަކުގައި ސައްހަކަން ކަށަވަރުކޮށް، ބޭންކު ތަފްސީލު ފަދަ ޒާތީ މައުލޫމާތު ހިއްސާނުކުރުން ކަމަށް ފުލުހުން ބުނެއެވެ،
މީގެ އިތުރުން، ސްކޭމެއްގެ ޝިކާރައަކަށްވެއްޖެނަމަ ނުވަތަ ޝައްކެއްވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.