ތިލަފުށީ ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމުގެ މަސައްކަތުގެ ދަށުން، “އެމްވީ ސެލެސްޓިއާ” އަށް 24 ގަޑިއިރު ތެރޭ 372 ކޮންޓޭނަރު ކާމިޔާބުކަމާއެކު ބަރުކޮށްފިއެވެ.
މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ތިލަފުށީ ބަނދަރުން ކޮންޓޭނަރު ބަރުކުރުމުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ނިންމާލާފައެވެ.
އެގޮތުން އެމްޕީއެލް އިން ހާމަކުރިގޮތުގައި،މި އޮޕަރޭޝަނުގައި ޖެނެރަލް ކާގޯ އުޅަނދެއް ކަމަށްވާ “އެމްވީ ސެލެސްޓިއާ” އަށް 24 ގަޑިއިރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ޖުމްލަ 372 ޓީއީޔޫ ގެ ކޮންޓޭނަރު ވަނީ ބަރުކޮށްފައެވެ.އެމްޕީއެލްއިން މައުލޫމާތު ދިން ގޮތުގައި،މިއީ މިދިޔަ މޭ މަހު ތިލަފުށީ ބަނދަރުގައި ޓްރަޔަލް ބެރްތިންގް އޮޕަރޭޝަންތައް ފެށިފަހުން، އެ ބަނދަރަށް ކާމިޔާބުކަމާއެކު ކައިރިކުރި ހަތަރުވަނަ އުޅަނދެވެ.