ފާެއިތުވި ހަފުތާގައި، ހިމަބިހީގެ އިތުރު 23 ކޭސް ފެނުމާއެކު ރާއްޖޭގެ ޖުމްލަ ކޭސްތަކުގެ އަދަދު 144 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މީގެ ކުރީ ހަފްތާގައި 55 ކޭސް ފެނުމަށްފަހު، ވޭތުވެދިޔަ ހަފްތާގައި އަލަށް ފެނުނު މި 23 ކޭހާއެކު ބަލި ފެތުރޭ ދުވެލި ވަނީ ކުރިއަށްވުރެ ކުޑަކޮށް މަޑުޖެހިލާފައެވެ.
ނަމަވެސް ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް ބޮޑުކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އެޗްޕީއޭ އިން މައުލޫމާތު ދިން ގޮތުގައި، މި ފަހަރުގެ އައުޓްބްރޭކްގައި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ 15 އަހަރާއި 35 އަހަރާ ދެމެދުގެ ބޮޑެތި މީހުންގެ މެދުގައެވެ. ކުޑަކުދިންގެ މެދުގައި ބަލި ފެތުރުން މަދެވެ.
ހަމަމިއާއެކު، ބަލި ކޮންޓްރޯލް ކުރުމަށް ފެށި ހާއްސަ ވެކްސިން ކެމްޕޭނުގައި މިހާތަނަށް 7،100 އަށްވުރެ ގިނަ މީހުންނަށް ވެކްސީން ދީފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި (މީސްލްސް) ގެ އައުޓްބްރޭކަކީ ރާއްޖޭން ބޭރުން އެތެރެވި ކޭސްއަކާ ގުޅިގެން މާލޭ ސަރަހައްދުގައި ފެތުރެމުންދާ ބައްޔެކެވެ.