ރާއްޖެ މިހާރު މިއޮތް ފުން އިޤްތިޞާދީ އަނދަވަޅަށާއި ދަރަނީގެ މަޅިއަށް ވައްޓާލި މޭސްތިރިއަކީ ކުރީގެ ފައިނޭންސް މިނިސްޓަރު އިބްރާހީމް ޢަމިރު ކަމަށް އިކޮނިމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ތުހުމަތު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވަނީ، އިދިކޮޅު އެމް.ޑީ.ޕީ އިން ބޭއްވި “ޑޮލަރެއް ނެތް” ޕެނަލް މަޝްވަރާގައި ޢާމިރު ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްދުދެއްވާފައެވެ. ސަޢީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުން ވާހަކަދެއްކެވުމުގެ އެއްވެސް ހައްގެއް ކުރީގެ މިނިސްޓަރުގެ ކިބައިގައި ނެތް ކަމަށެވެ.
“ރާއްޖެ މިއޮތް ފުން އިޤްތިޞާދީ އަނދަވަޅަށާއި ދަރަނީގެ މަޅިއަށް ވައްޓާލި މޭސްތިރިއަކީ ކުރީގެ ފައިނޭންސް މިނިސްޓަރު އިބްރާހީމް ޢާމިރު. އެހެންކަމުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން ވާހަކަދެއްކެވުމުގެ އެއްވެސް މާލީ އަހުލިއްޔަތުކަމެއް އޭނާގެ ކިބައިގައެއް ނެތް.
މީގެ އިތުރުން މިނިސްޓަރު ސަޢީދު ފާހަގަކުރެއްވީ، ކުރީ ސަރުކާރުން މާލީ ނިޒާމު ބޭނުންކުރީ ސިޔާސީ މަންފާ ހޯދުމަށް ކަމަށާއި، އޭގެ ސަބަބުން ދައުލަތުގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތައް އަޅަމުންދަނީ އެފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުން ޤައުމު ސަލާމަތްކޮށް، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.