ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު އޮންނަ ޒަމާންވީ އުޚުއްވަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤަޠަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީގެ އަރިހަށް، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ތަޢުޒިޔާ ރައްދުކުރައްވާފައެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި،ދަލުވުމުގައި ރައީސް މުޢިއްޒު ވަނީ، ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި އިޚްލާޞްތެރި ތަޢުޒިޔާ ވިދާޅުވެފައެވެ.
މީގެއިތުރުން، ރައީސް އޮފީހުން ހާމަކުރިގޮތުގައި، ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމް ދެ ޤައުމުންވެސް ހިއްސާކުރާކަން ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު ރާއްޖެއަށް ދެއްވާފައިވާ ފާހަގަކޮށްލެވޭފަދަ އެހީތެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ދަތުރުފުޅެއްކަން ރައީސް އޮފީހުން ވަނީ ހާމަކުރައްވަފައެވެ.
ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގައި ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެމަނިކުފާނުގެ އެހީތަކުގެ ތެރޭގައި ޤަޠަރު އެއަރވޭޒް ރާއްޖެއަށް ދަތުރުތައް ފެށުމާއި، ލ. އަތޮޅުގައި ޙަމަދު ސްކޫލް ބިނާކުރުމުގެ އިތުރުން ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް މިސްކިތް ޤާއިމުކުރުން ހިމެނެއެވެ.