ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ އާންމުންގެ އަތުން މިލިއަނުން ރުފިޔާ އަތުލަމުންދާ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން، އެފަދަ ސްކޭމްތަކަށް ހޭލުންތެރިވެ، މަކަރާއި ހީލަތުގެ ޝިކާރައަކަށް ނުވުމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ހަމަމިއާއެކު، ބޯހިޔާވަހިކަން ދޫކުރާނީ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން ކަމަށާއި، ރިޝްވަތާއި ނުރަސްމީ ގޮތްގޮތުން އެކަން ކުރެވޭނަމަ ރެގިއުލޭޓަރީ ނިޒާމެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއްވެސް ކުރިއަށްދާނީ ކަނޑައެޅިފައިވާ ހަރުދަނާ ޤަވާޢިދުތަކާއި އުޞޫލުތަކުގެ ތެރެއިން ކަމުގެ ޔަޤީންކަން މިނިސްޓްރީން ދެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ،އައްޑޫ ލިންކް ރޯޑްގެ ޢަމަލީ މަސައްކަތް އެކަމަށް ބޭނުންވާ ޚާއްޞަ މަޝީނަރީތައް އެ ރަށަށް ގެންދެވުނުހާ އަވަހަކަށް ފެށޭނެކަމަށެވެ.އަދި ރަށްރަށުގެ އެތެރޭގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ އޮންނަ އުޞޫލުގެ ދަށުން އެ ރަށެއްގެ ލޯކަލް ކައުންސިލްތަކުގެ ޒިންމާއެއް ކަން ފާހަގަކުރައްވައި، ކައުންސިލްތަކުން އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށްމިނިސްޓަރު ގޮވާލެެއްވިއެވެ.