ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، “ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް”އެއް އުފައްދައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި އޮފީސް އުފެއްދީ މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުމާއި އުޅަނދުތައް ގިނަވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކަށެވެ.އެގޮތުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން ޚާއްޞަ ޕްރޮގްރާމްތައް ހިންގުމާއި، ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމާއި، ޕާކިންގް މައްސަލައަށް ދާއިމީ ހައްލުތަކެއް ހޯދައިދިނުމުގައި އެ އިދާރާއިން އިސް ދައުރެއް އަދާކުރާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި،ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެކެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، އެ އޮފީހުގެ މައިގަނޑު މަޤްޞަދަކީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އަވަސް އަދި ވަށާޖެހޭ ޙައްލުތަކެއް ހޯދުމަށް ސިޔާސަތުތައް އެކުލަވައިލައި ޕްރޮގްރާމްތައް ތަންފީޒުކުރުމެވެ. މީގެ އިތުރުން، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމާއި، ޕާކިންގް މައްސަލައަށް ޒަމާނީ ވަސީލަތްތައް ހޯދައި ތަރައްޤީކުރުމުގައި އެ އިދާރާއިން އިސް ދައުރެއް އަދާކުރާނެ ކަމަށް ވަނީ ބުނެފައެވެ.
“ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަށް” ސަރުކާރުގެ މުއައްސަސާތަކުން ފޮނުވާ ރަސްމީ ސިޓީތަކުގައި ޖަހަންޖެހޭ ނަންބަރަކީ 1142 ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގެ އާބާދީ އިތުރުވެ، މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިންތިހާއަށް ގިނަވެފައިވާއިރު، ދިރާސާތަކުން ދައްކާގޮތުގައި ރަޖިސްޓްރީކޮށްފައިވާ މިންވަރަށްވުރެ 30,000 އަށްވުރެ ގިނަ އުޅަނދު މި ސަރަހައްދުގައި ދަނީ ދުއްވަމުންނެވެ. މިހާތަނަށް ދަތުރުފަތުރާއި ޕާކިންގްގެ މައްސަލަތައް ޙައްލުކުރުމަށް ސިޓީ ކައުންސިލާއި، ފުލުހުން އަދި ކަމާބެހޭ މިނިސްޓްރީތަކުން ދަނީ މަސައްކަތްކުރަމުންނެވެ.