ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގައިދީން ބަދަލުކުރުމުގެ އެއްބަސްވުން ގާއިމްކުރުމުގެ ގާނޫނީ އަދި ރަސްމީ މަސައްކަތްތައް ނިމުމަކަށް އަތުވެއްޖެއެވެ.
ބަންގްލަދޭޝް ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ރަސްމީ އިދާރާތަކުން ލިޔެކިޔުންތައް ނިންމާލުމާއެކު މި އެއްބަސްވުމުގައި ސޮއިކޮށް، އަމަލުކުރަން ފަށާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޖަލުތަކުގައި ތިބި ބަންގްލަދޭޝްގެ ގައިދީންނަށް އިންސާނީ އެހީތެރިކަމުގެ އުސޫލުން އެނބުރާ ގައުމަށް ގޮސް، އެމީހުންގެ ހުކުމުގެ ބާކީ ބައި ތަންފީޒުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މާފުށީ ޖަލުގެ ހާލަތަށް ބަލާއިރު، އެ ޖަލުގައި މިހާރުވެސް ބަންގްލަދޭޝްގެ 44 ރައްޔިތަކު ބަންދުކޮށްފައި އެބަތިއްބެވެ.
ޖަލަށް ކުރެއްވި ޒިޔާރަތުގައި ހައިކޮމިޝަނުގެ ވަފުދުން ވަނީ ބަންގްލަދޭޝް ގައިދީންނާ ވަކިވަކިން ބައްދަލުކޮށް، އެމީހުންގެ ބޭސްފަރުވާ، ކާބޯތަކެތި، އަންނައުނު އަދި ދިރިއުޅުމުގެ މާހައުލާ ގުޅޭގޮތުން ހުރި ޝަކުވާތައް އޮޅުންފިލުވާފައެވެ.
ޖަލަށް ކުރެއްވި ޒިޔާރަތަށްފަހު، ބަންގްލަދޭޝް ހައިކޮމިޝަނަރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނާ ބައްދަލުކުރައްވައިގައިދީން ފާހަގަކުރި ކަންބޮޑުވުންތައް ހިއްސާކުރައްވައި، އެކަންކަން އަވަހަށް ހައްލުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. މީގެ އިތުރުން ގައިދީންނަށް ގާނޫނުން ލިބިދޭންޖެހޭ ހުރިހާ އަސާސީ ހިދުމަތްތަކާއި ބޭސްފަރުވާގެ ކަންކަން ފުރިހަމައަށް ފޯރުކޮށްދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. ހައިކޮމިޝަނަރު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ ބަންގްލަދޭޝް ރައްޔިތެއްގެ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތައް ކަށަވަރުކޮށް ރައްކާތެރިކުރުމަކީ ހައިކޮމިޝަނުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު ކަމަށެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގައިދީން ބަދަލުކުރުމުގެ މުހިންމު މަޝްވަރާތަކެއް އެންމެ ފުރަތަމަ ރަސްމީކޮށް ފެށިގެންދިޔައީ 2021 ވަނަ އަހަރުއެވެ.