މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، މި ޖުލައި 12 ވާ އާދީއްތަ ދުވަހު ހުޅުއްވައިލައްވާ ގޮތަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ހާމަކުރިގޮތުގައި،މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ “ފޯމު ހުށަހެޅުން” http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ.
ރައީސް އޮފީހުން ބުނީ، މިއަހަރުވެސް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހަތަރު ގިންތިއަކުން ދޭން ހަމަޖެހިފައިވާ ކަމަށެވެ. އަދި އިނާމަށް ނަން ހުށަހަޅާއިރު ބޭނުންވާ ލިޔުންތައް ފުރިހަމަކުރުމަށާއި، ދެފުށުގައި ލިޔެފައިވާ ލިޔުންތަކުގައި “އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދާ” އެއްގޮތަށް ތައްގަނޑު ޖެހުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން އެދޭކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ ތަޢުލީމީ ގޮތުންނާއި، ހުނަރުގެ ގޮތުންނާއި، އުފެއްދުންތެރިކަމުގެ ދާއިރާއިން ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ޝަރަފުވެރި އިނާމެކެވެ.