ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީއަށް އައި ހެޔޮ ބަދަލާއެކު، މި އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 22.4 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރުގެ އާމްދަނީ ވަނީ 10.4 އިންސައްތަ (2.1 ބިލިއަން ރުފިޔާ) މަތިވެފައެވެ. ދައުލަތަށް ލިބުނު އާމްދަނީގެ ސިންހަ ހިއްސާ ކުރަނީ ޓެކްސް ފައިސާ ކަމަށްވާއިރު، މިދިޔަ އަހަރު 15.3 ބިލިއަން ރުފިޔާގައި ހުރި ޓެކްސް އާމްދަނީ ވަނީ 13.0 އިންސައްތައިގެ ކުރިއެރުމަކާއެކު 17.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އާމްދަނީގެ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ކޯޕަރޭޓް އިންކަމް ޓެކްސްއެވެ. މިއީ ވިޔަފާރީގެ ހަރަކާތްތައް ފުޅާވުމާއި، ޓެކްސް ދެއްކުމުގެ ސުންގަޑި މި މުއްދަތާ ދިމާވުމުން އައި ބަދަލެކެވެ. އެގޮތުން، ކޯޕަރޭޓް ޓެކްސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 6.2 އިންސައްތަ (97.7 މިލިއަން ރުފިޔާ) އިތުރުވުމެކެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމުގައި ޖީއެސްޓީން ވެސް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ޖުމްލަ 9.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 9.6 އިންސައްތަ (835.4 މިލިއަން ރުފިޔާ) އިތުރު އަދަދެކެވެ. މީގެ ތެރޭގައި ހިމެނެނީ އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާ އާއި ޓޫރިޒަމް ޖީއެސްޓީ (ޓީ-ޖީއެސްޓީ) ގެ ގޮތުގައި ލިބުނު 6.6 ބިލިއަން ރުފިޔާއެވެ.