މާލޭގެ މަގުތަކަށް ފެންތިކި ޖަހާ ގޮތަށް ހުރި ތަންތަން ރަނގަޅު ކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މާލޭގެ އިމާރާތްތަކުގައި ހުންނަ އޭސީ އަދި ދިޔަދޮވި ހޮޅިތަކުން މަގުތަކަށާއި ޕޭމަންޓްތަކަށް ފެންފައިބާތީ، ހިނގާ މީހުންނަށާއި ދުއްވާ އެއްޗެހީގައި އުޅޭ މީހުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ.
މިފަދަ މައްސަލަތައް އިސްލާހުކުރުމަށް މީގެ ކުރިން ވެސް ކައުންސިލުން ތަކުރާރުކޮށް އަންގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެހެންކަމުން، މިފަދަ ކަންކަން ފާހަގަކުރެވޭނަމަ، އެ ތަނެއްގެ ފޮޓޯ އާއި ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުވައިދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މާލޭގެ އިމާރާތްތަކުން މަގުމައްޗަށް ފެންތިކިޖަހާ މައްސަލަ ހައްލުކުރުމަށް މީގެކުރިން އެންގި ނަމަވެސް، އެކަން ތަކުރާރުވަމުންދާތީ އާންމުންގެ ޝަކުވާ ލިބެމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވިއެވެ. މޭޔަރު ފާހަގަކުރެއްވި ގޮތުގައި މިއީ ޒަމާނުއްސުރެ ހައްލުނުވެ އޮތް މައްސަލައެކެވެ. މާލެއަކީ އެންމެންނަށް އުޅެން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި، މިފަދަ ކަންކަން އިސްލާހުކުރުމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުވާނީ އާންމު ރައްޔިތުންގެ ފަރާތުން މައުލޫމާތާއި ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ.
މާލޭގެ އިމާރާތްތަކުން މަގުމައްޗަށް ފެންފައިބާ މައްސަލައަކީ އާންމުންގެ ޝަކުވާ ބޮޑުވެ، މީގެ ކުރިން ވެސް ސިޓީ ކައުންސިލުން ގިނަ ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކޮށްފައިވާ ދިގުލާފައިވާ މައްސަލައެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1