ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ކުޅިވަރު ސާމާނު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް އާއި، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު ގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި ޗައިނާ އެމްބަސީގެ މަންދޫބުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، ތަކެތި ރަސްމީކޮށް ހަވާލުކުރިކަމުގެ ބަޔާނުގައި، ވަނީ ސޮއިކުރައްވާފައެވެ. މި ބަޔާނުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޢަބްދުﷲ ރާފިޢު ސޮއިކުރެއްވިއިރު، ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ކޮންގް ޝިއަންހުއާއެވެ.
މި އެހީއަކީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް، އެތުލީޓުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް މިނިސްޓްރީން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން، މިއީ ޒުވާނުން ކުރިއަރުވައި، މުޅި ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ލިބުނު މުހިންމު ބާރެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1