މާލޭގެ އުތުރު ފަރާތް، ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ފޭސް 1 ގެ ދަށުން، ސެގްމެންޓް 4 އަދި 5 ގެ ތާރުއެޅުމުގެ ހުރިހާ މަސައްކަތްތަކެއް އެމްޓީސީސީއިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަޝްރޫއުގެ ދަށުން ހިއްކަން ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މަސައްކަތްތައް ރޭވިފައިވާ ތާވަލާ އެއްގޮތަށް މި ހަފުތާގެ ތެރޭގައި ސެގްމެންޓް 2 އަދި 3 ގެ ސަބް-ބޭސް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެ ދެ ސެގްމެންޓްގައި ދުވާރުގެ ގާ (ކާބްސްޓޯން) ޖެހުމުގެ މަސައްކަތް ވެސް މި ހަފުތާގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން ލަފާކުރެއެވެ.
މި މަޝްރޫއުގެ ބާކީ ހުރި ސެގްމެންޓްތަކުގައި ތާރުއެޅުމުގެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި މަގު ހެދުމުގެ މަޝްރޫއަކީ މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަކޮށް، ބޮޑުތަކުރުފާނު މަގުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ 144.5 މިލިޔަން ރުފިޔާ އަށް، 455 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ ބޮޑު މަޝްރޫއެކެވެ.