ފާއިތުވި ހަފުތާގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅުންހުރި ބޮޑު އަދަދެއްގެ ނަގުދު ފައިސާއާއި މުދާ ފުލުހުން ހޯދައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފައިސާއާއި މުދާ ހޯދީ ގަލޮޅު ޕޮލިސް ސްޓޭޝަން އިންނެވެ.އެއީ ޖުމްލަ 233,881 ރުފިޔާ އެވެ.
ފުލުހުންގެ ތަފާސް ހިސާބު:
-
- ހެންވޭރު ޕޮލިސް ސްޓޭޝަން: ދެވަނައަށް އެންމެ ގިނައިން ތަކެތި ހޯދައި، ޖުމްލަ 175,000 ރުފިޔާ ރިކަވަރ ކުރިއެވެ.
- މާފަންނު ޕޮލިސް ސްޓޭޝަން: 104,008 ރުފިޔާ
- ސްޕެޝަލް އެންފޯސްމަންޓް ޓީމް: 97،900 ރުފިޔާ
- ވިލިމާލެ ޕޮލިސް ސްޓޭޝަން:627 ރުފިޔާ
މިއަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވައްކަމުގެ 1,759 މައްސަލަ، ތަކެތި ގެއްލިގެން 534 މައްސަލަ އަދި ފޭރުމުގެ 81 މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.
ފުލުހުން ބުނީ، މިގޮތަށް ހޯދޭ ތަކެތި އޭގެ ޙައްޤުވެރިންނަށް ރައްދުކޮށްދިނުމަށާއި، މުޖުތަމައުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ފުލުހުން މެދުކެނޑުމެއްނެތް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ރާއްޖޭގައި، ޚާއްޞަކޮށް މާލެ ސަރަހައްދުގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކަކީ އާންމުކޮށް އެންމެ ގިނައިން ހުށަހަޅާ މައްސަލަތަކެވެ.ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކާ ބޮޑު ގުޅުމެއް އޮވެއެވެ. މިފަދަ ކުށްތައް މަދުކުރުމަށާއި، މަގުމަތިންނާއި ބަންދު ހިސާބުތަކުން ރައްޔިތުންނަށް އޮތް ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ދަނީ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
ފުލުހުން އަބަދުވެސް އިލްތިމާސްކުރަނީ، މުދަލާއި ފައިސާ ރައްކާތެރިކުރުމަށް ސަމާލުވުމަށާއި، ކުށެއް ހިނގައިފިނަމަ ވީއެންމެ އަވަހަކަށް ރިޕޯޓްކުރުމަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1