ސްކޫލްތަކަށް ކުދިން ހާޒިރުނުވާ މައްސަލަ ބޮޑުވެފައިވާތީ، އެކަށީގެންވާ ސަބަބެއް ނެތި ސްކޫލަށް ހާޒިރުނުވާ ކުދިންނާ މެދު ފިޔަވަޅު އެޅުމަށް ހުރިހާ ޕްރިންސިޕަލުންނަށް އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިފަދައިން މިނިސްޓަރު ވިދާޅުވީ،ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ހާމަކުރެއްވި ގޮތުގައި މި ދުވަސްވަރު ގަވާއިދުން ސްކޫލަށް ހާޒިރުނުވާ 8،000 އެއްހާ ދަރިވަރުން އެބަތިއްބެވެ. މީގެ ތެރެއިން 40 އިންސައްތައަކީ މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ ކުދިން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.ސްކޫލްތަކަށް ކުދިން ހާޒިރުވާ މިންވަރު މިހާ ބޮޑަށް ދަށަށް ދިޔައީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕް މެޗުތައް ދިވެހިރާއްޖެއަށް ދަންވަރާއި ފަތިހުގެ ވަގުތުތަކުގައި ދައްކާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދަރިވަރުން ސްކޫލަށް ހާޒިރުނުވާނަމަ އެކަން ދިމާވާ ސަބަބުތައް ވަރަށް ގާތުން ބަލަންޖެހޭނެ ކަމަށެވެ.
“މިސާލަކަށް ކުއްޖަކު ސްކޫލަށް ނައިސްދާނެ. އަޅުގަނޑު މިދައްކަނީ ރޯގާލައިގެން ނުވަތަ ބަލިވެގެން ސްކޫލަށް ނާދެވޭ ވާހަކައެއް ނޫން. އެއްވެސް މަޤްބޫލު ސަބަބެއް ނެތި ދަރިވަރުން ދެމިގެންދާ ގޮތަށް ސްކޫލްތަކަށް ނުފޮނުވުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން،”