ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާޙައުލުން ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ކުންފުނިތަކާއި މުއައްސަސާތަކުގައި ވަކި ޚާއްޞަ ވަޒީފާތަކެއް އެފަރާތްތަކަށް ކަނޑައެޅުން މަޖުބޫރުކުރާ އިޞްލާޙެއް ސަރުކާރުން ދިވެހިސަރުކާރުގެ ގެޒެޓް ގައި ޝާއިޢުކޮށްފިއެވެ.
މި ބަދަލަކީ “ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު” އަށް ގެނެވުނު ފުރަތަމަ އިޞްލާޙެވެ.
އިޞްލާޙުގައި ހިމެނޭ މުހިންމު ނުކުތާތައް:
- ވަޒީފާ ޚާއްޞަކުރުން: ކޮންމެ އޮފީހަކުން އަދި ކުންފުންޏަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަދާކުރެވޭނެ ވަޒީފާތަކެއް ހޯދައި ކަނޑައެޅުން މަޖުބޫރުވުން.
- ތަފާތުކުރުން މަނާކުރުން: ވަޒީފާއަށް މީހުން ހޮވުމާއި، އިންޓަވިއު ކުރުމާއި، ޞިއްޙީ ޙާލަތު ބެލުމުގައި ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް ބަލައި ތަފާތުކުރުން މަނާވުން.
- ޚާއްޞަ މިންގަނޑުތައް: ވަޒީފާ ދިނުމުގެ މަރުޙަލާތަކުގައި ދިމާވާ ހުރަސްތައް ނައްތައިލުމަށްޓަކައި ޢަމަލުކުރަންޖެހޭ ޚާއްޞަ 3 މިންގަނޑެއް ކަނޑައެޅުން.
އޭގެ ތެރޭގައި ހިމެނެނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ބޭނުންކުރުމާއި، ވަޒީފާދިނުމާއި، އަދި ހަމަޖެއްސުމުގެ އާންމު މިންގަނޑާއި، މަސައްކަތުގެ މާޙައުލުގައި އެކަށީގެންވާ ބަދަލުތައް (ރީޒަނަބަލް އެކޮމޮޑޭޝަން) ގެނައުމުގެ މިންގަނޑެވެ.އަދި ވަޒީފާދޭ ފަރާތްތަކުން ފޯރުކޮށްދޭންޖެހޭ ވަޒީފާގެ މާޙައުލުގެ ބޭނުންތަކާއި، ވަޞީލަތްތަކާއި، ފަސޭހައިން ވާސިލުވުމުގެ މިންގަނޑުތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.
ވަޒީފާގައި ދެމިތިބުމަށް ހިތްވަރުދީ، އެކަން ހަރުދަނާކުރުމުގެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ވަޒީފާއަށް އައްޔަންކުރާތާ ސަރުކާރު ބަންދުނޫން 5 ދުވަހުގެ ތެރޭގައި، އެ މުވައްޒަފެއްގެ ވަޒީފާއާ ބެހޭ މަޢުލޫމާތު މިނިސްޓްރީއަށް ހުށަހެޅުން މި އިޞްލާޙުގެ ދަށުން ވަޒީފާދޭ ފަރާތްތަކަށް މިހާރު ލާޒިމުވެއެވެ.
މީގެ އިތުރުން، މަސައްކަތުގެ މާޙައުލަކީ އެންމެނަށް ބައިވެރިވެވޭ ފަދަ އޯގާތެރި ތަނަކަށް ހެދުމަށާއި، ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންގެ މުސްތަޤްބަލާއި ކުރިއެރުމަށް އެހީތެރިވުމުގެ ގޮތުން، ވަޒީފާދޭ ފަރާތްތަކާއި އެހެނިހެން މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް މި ގަވާއިދުގައި ބޮޑު އިސްކަމެއް ދީފައިވެއެވެ.
މި ގަވާއިދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީގޮތުން އެފަރާތްތައް ބާރުވެރިކުރުވުމަށްޓަކައި، “ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު” ގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދެކެވެ.ގެނެވުނު އާ ބަދަލުތަކާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާޙައުލުން ގިނަ ފުރުޞަތުތަކެއް ފަހިވެ، އެފަރާތްތަކަށް ބޭނުންވާ ޚާއްޞަ ވަޞީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުން ވަޒީފާދޭ ފަރާތްތަކަށް ޤާނޫނުން ލާޒިމުކުރާނެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1