ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ ރަސްމީ މަޢުލޫމާތާއި އެންމެ ފަހުގެ އަދާހަމަތައް ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ހައުސިންގް މިނިސްޓްރީން 4 ވައިބަރ ކޮމިއުނިޓީއެއް ރަސްމީކޮށް އުފައްދައިފިއެވެ.
ހައުސިން މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މި ކޮމިއުނިޓީތައް ބަހާލެވިފައިވަނީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް ޚާއްޞަކޮށްގެންނެވެ. މީގެ ތެރޭގައި “ބިންވެރިޔާ ސްކީމް” ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްޞަ 3 ކޮމިއުނިޓީއެއް ހިމެނެއެވެ.
އުފެއްދި 4 ވައިބަރ ކޮމިއުނިޓީ:
- “ބިންވެރިޔާ ހުޅުމާލެ”: ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް.
- “ބިންވެރިޔާ ގުޅިފަޅު”: ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް.
- “ބިންވެރިޔާ ގިރާވަރުފަޅު”: ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް.
- “ބޯހިޔާވަހިކަން އެންމެންނަށް”: ބޯހިޔާވަހިކަމުގެ ޢާންމު ސިޔާސަތުތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް.
މި ކޮމިއުނިޓީތަކުގެ ސަބަބުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ އިޢުލާނުތަކާއި، ގޯތިތަކުގެ އިންފާރު ވަކިކުރުމާއި، ރަޖިސްޓްރީއާ ގުޅޭ އަދާހަމަތައް އެއްވެސް އޮޅުމެއް ނެތްގޮތުގައި ސީދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ސަރުކާރުގެ “ބިންވެރިޔާ ސްކީމް” އަކީ މާލޭ ސަރަޙައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ހިންގާ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރުމާއި، އިންވަކިކުރުމާއި، އަދި ސަރަޙައްދުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ސަރުކާރުން ދަނީ މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދަމުންނެވެ.
މިގޮތުން ހިނގަމުންދާ މަސައްކަތްތަކުގެ ޞައްޙަ މަޢުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނަށް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަކީ މިފަދަ ވައިބަރ ކޮމިއުނިޓީތަކެއް އުފެއްދުމުގެ މައިގަނޑު ބޭނުމެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1