ރާއްޖެއާއި މެކްސިކޯގެ ބާޒާރުން ކެންސަރު ބައްޔަށް ބޭނުންކުރާ ނުރައްކާތެރި ފޭކު (ނަކަލު) ބޭސްތަކެއް ފެނިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މުޅި ދުނިޔެއަށް ސަމާލުވުމަށް އެދި ބައިނަލްއަގުވާމީ މެޑިކަލް ޕްރޮޑަކްޓް އެލާޓެއް ނެރެފިއެވެ.
ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި މި އެލާޓް ނެރެފައިވަނީ މަލްޓިޕްލް މައިލޯމާ (ލޭގެ ކެންސަރުގެ ބާވަތެއް) ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ، ‘ޑަރްޒަލެކްސް’ ކިޔާ އިންޖެކްޝަނެއްގެ ފޭކު ދެ ބެޗެއް ފެނުމާ ގުޅިގެންނެވެ . ނުރައްކާތެރި މައްސަލަ ރާއްޖޭގެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މެކްސިކޯގެ ކަމާބެހޭ އިދާރާތަކުން ޑަބްލިއުއެޗްއޯއަށް ރިޕޯޓުކޮށްފައިވަނީ ނިމިދިޔަ މޭ އަދި ޖޫން މަހުގެ ތެރޭގައެވެ.
މި މައްސަލައިގެ ތަހުގީގުން އެނގިފައިވާ ގޮތުގައި މި ފޭކު ބޭސްތައް ބާޒާރަށް ނެރެފައިވަނީ ރަސްމީ ހުއްދައެއް ނެތް ސަޕްލަޔަރުންނެވެ. އަދި މިތަކެތި ބައެއް ހޮސްޕިޓަލްތަކަށް ފޯރައި، ބަލިމީހުންނަށް ދިނުމާ ހަމައަށް ގޮސްފައިވާކަން ވެސް ވަނީ ކަށަވަރުވެފައެވެ .
ރާއްޖެއިން ފެނުނު ބެޗުގެ ބޭސް ފުޅިތައް ބެލިއިރު، އޭގެ އެތެރޭގައި ލޮލަށް ސާފުކޮށް ފެންނަން ހުރި ކުނޑިތަކެއް ނުވަތަ ބޭރުގެ މާއްދާތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ.ބޭސް އަސްލު އުފައްދާ ޖޭންސަން ކުންފުނިން ވަނީ މިއީ އެ ކުންފުނީގެ ސައްހަ އުފެއްދުންތަކެއް ނޫންކަން ކަށަވަރުކޮށްދީފައެވެ.
ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި މި ފޭކު ބޭހުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ދެގޮތަކުން ނުރައްކާވެއެވެ.ފުރަތަމަކަމަކީ، ބޭހުގައި އަސްލު މާއްދާ ނެތުމުން ކެންސަރު ބަލި ކޮންޓްރޯލް ނުވެ، ހަށިގަނޑުގައި އިތުރަށް ފެތުރިގެން ދިއުމެވެ. ދެވަނަކަމަކީ، އިންޖެކްޝަން ފުޅި ތެރޭގައި ހުރި ނޭނގޭ ކުނޑިތައް ލޭގެ ތެރެއަށް ދިއުމުން، ލޭ ތަޣައްޔަރުވެ، ނުރައްކާތެރި އިންފެކްޝަންތަކާއި ސައިޑް އިފެކްޓްތައް ކުރިމަތިވުމެވެ.
އަދި މިއިން ބެޗެއްގެ އިންޖެކްޝަނެއް ޖަހާފައިވާ ބަލިމީހަކު ހުރިނަމަ، ނުވަތަ ބޭނުންކުރުމަށްފަހު ނުބައި އަސަރެއް ފެނިފައިވާނަމަ، ލަސްނުކޮށް ޑޮކްޓަރަކަށް ދައްކައި ސިއްހީ އެހީތެރިކަން ހޯދުމަށް ވަނީ އަންގާފައެވެ.މީގެ އިތުރުން، މި ބޭހުގެ އެއްވެސް ސާމްޕަލެއް ނުވަތަ ޝައްކުކުރެވޭ ފުޅިއެއް ފެނިއްޖެނަމަ (އެމްއެފްޑީއޭ) އަށް ނުވަތަ ޑަބްލިއުއެޗްއޯގެ ރަސްމީ އީމެއިލް އަށް ރިޕޯޓުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ސިއްހީ އިދާރާތަކުން ބާރުއަޅަނީ ބަލިމީހުންގެ ސަލާމަތަށްޓަކައި ބޭސް ގަންނައިރު އަބަދުވެސް ރަސްމީ ހުއްދަ އޮތް، އިތުބާރު ހުރި ފާމަސީތަކާއި ހޮސްޕިޓަލްތަކުން އެކަނި ބޭސް ހޯދުމަށެވެ.