އިކޮނޮމިކް މިނިސްޓްރީން ދެމުންދާ އެއްގަމު ދަތުރުފަތުރާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ޑިޖިޓަލްކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސް އަދި ލުއިފަސޭހަ ކުރުމަށްޓަކައި ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އޮގަސްޓް މަސް ނިމޭއިރު މިނިސްޓްރީގެ ދަށުން ދޭ މިފަދަ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ނިޒާމުތަކެއް ސަރުކާރުގެ “ވަންގަވް” ޑިޖިޓަލް ޕްލެޓްފޯމަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ނިޒާމު ގާއިމުވުމުން އާންމުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ކުރެއްވި އިތުރު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެ މަސައްކަތް މިހާރު “ވަންގަވް” އާ ހަވާލުކޮށްގެން ކުރިއަށްދާ ކަމަށާއި އެކަން ކުރަނީ ފުރިހަމަ ތަސައްވުރަކާއެކު ކަމަށެވެ. އަދި މާތްالله ގެ ވާގިފުޅާއެކު އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން ދަތުރުފަތުރުގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލްކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ “ވަންގަވް” އަކީ ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން، ޑިޖިޓަލްކޮށް ހޯދުމަށް ފަރުމާކޮށްފައިވާ މަރުކަޒީ ޕްލެޓްފޯމެކެވެ. މިހާތަނަށް ގިނަ މިނިސްޓްރީތަކެއްގެ ހިދުމަތްތައް މި ނިޒާމަށް ބަދަލުކޮށްފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ސިސްޓަމްތައް ވެސް މީގެ ތެރެއަށް ފުރިހަމައަށް ލާމެހިގެންދިއުމަކީ ހިދުމަތް ހޯދާ ފަރާތްތަކަށް އެއް ޕޯޓަލްއަކުން ހުރިހާ ކަމެއް ނިންމާލުމަށް މަގުފަހިވެގެންދާނެ ބަދަލެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1