ރާއްޖޭގައި ބޭރު ފައިސާގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ނުލިބިގެން އުޅެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑޮލަރުގެ ރޭޓަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެން މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ،ޑޮލަރުގެ އަގު އުފުލި، ބޭރު ފައިސާގެ ތާށިކަން ބޮޑުވުމުގެ އަސްލަކީ އޭރުގެ ސަރުކާރުން ގެންގުޅުނު މާލީ ސިޔާސަތުތަކެވެ. އެގޮތުން ޑޮލަރުގެ ރޭޓު ވަކި ބޭންޑެއްގެ ތެރޭގައި ހިފެހެއްޓުމަށް ނިންމި ނިންމުމުގެ ނޭދެވޭ އަސަރު މިއަދާ ހަމައަށްވެސް ދެމިގެންގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
“ރައީސް ނަޝީދުގެ ސަރުކާރުން 10ރ. އާއި 15ރ.އާ ދޭތެރޭގައި ބޭންޑެއް އެޅި ވާހަކަ ދެއްކި. އަޅުގަނޑު ކުރިން ވެސް ދެންނެވިހެން އެ މައްސަލަ އަދިވެސް މިއުޅެނީ. އޭގެ ސަބަބުން ރައްޔިތުންނަށް ސަލާމަތް ނުވެވިގެން މި އުޅެނީ. އެ ވާހަކަ އަޅުގަނޑު އަނެއްކާވެސް ތަކުރާރުކޮށްލީ،”
ސައީދު އިތުރަށް ވިދާޅުވީ އޭރު ގެނައި ބަދަލުގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުންތަކުން ރައްޔިތުންނަށް އަދިވެސް ސަލާމަތް ނުވެވިގެން އުޅޭއިރު، މިހާރު ދިމާވެގެން އުޅޭ ބޭރު ފައިސާގެ ތާށިކަމަކީ އޭގެ ސީދާ ނަތީޖާ ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ، ބޭރު ފައިސާގެ ރޭޓު މަތިވުމަށް ދިމާވި އަނެއް ސަބަބަކީ ނިމިދިޔަ ރައީސް ސޯލިހުގެ ސަރުކާރުގެ އެދުމަށް 19 ވަނަ މަޖިލީހުން މާލިއްޔަތު ގާނޫނު ސަސްޕެންޑުކޮށް، ގިނަ އަދަދަކަށް ފައިސާ ޗާޕުކުރުމެވެ.
މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ރާއްޖޭގެ އިގްތިސާދު އޮތީ ބަނގުރޫޓުވުމާ ދާދި ކައިރީގަ އެވެ. އަދި ގައުމު ދަރަނިން ސަލާމަތްކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ބައެއް މާއްދާތަކުން އިސްތިސްނާ ހޯދައިގެން، އެމްއެމްއޭ މެދުވެރިކޮށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކޮށްފައެވެ. އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި ބާޒާރުގައި ދިވެހި ރުފިޔާ ގިނަވެ، ބޭރު ފައިސާގެ ޑިމާންޑް މަތިވުމުގެ އަސްލަކީ މާލީ ހަމަތަކުން ބޭރުން ގިނަ އަދަދަކަށް ފައިސާ ޗާޕުކުރުމެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1