ސްޓޭޓް ފާމާ (ކުރީގެ އެސްޓީއޯ) ހެންވޭރު ފާމަސީން ކަސްޓަމަރަކަށް ބޭސް ދޫކުރި އަގާ ގުޅުވައިގެން މީސްމީޑިއާގައި ފެތުރެމުންދަނީ ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓޭޓް ފާމާއިން ހާމަކޮށްފައިވާ ގޮތުގައި، ހެންވޭރު ފާމަސީން ކަސްޓަމަރަކަށް ދޫކުރި ބޭސްތަކުގެ ޖުމްލަ އަގަކީ 2,977.15 (ދެހާސް ނުވަސަތޭކަ ހަތްދިހަ ހަތެއް ރުފިޔާ ފަނަރަ ލާރި) އެވެ. މި ބޭހަކީ އާސަންދައިގެ ދަށުން ކަވަރުކުރާ ބޭހަކަށް ނުވާއިރު، ބޭސް ދޫކޮށްފައިވަނީ ކަސްޓަމަރުގެ އިންޝުއަރެންސް ޕާޓްނަރ ސްލިޕަށެވެ. އެހެންކަމުން، ކަސްޓަމަރުގެ އަތުން އެއްވެސް ފައިސާއެއް ނަގާފައެއް ނުވެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ އެ ކުންފުނީގެ ލެޓަރހެޑްގައިވާ ކޮޓޭޝަންގައި ބޭހުގެ އަގު 6,000 ރުފިޔާއަށްވުރެ މަތީގައި ހުރި ސަބަބު ސްޓޭޓް ފާމާއިން ވަނީ ސާފުކޮށްދީފައެވެ. ކުންފުނިން ބުނީ އެ އަގު އެގޮތަށް ހުރީ ބޭހުގެ އެކި ބްރޭންޑްތައް ލިބެން ހުންނަ އަގުތައް ތަފާތުވުމާ ގުޅިގެން ކަމަށާއި، ބޭހުގެ ބްރޭންޑްތަކަށް ބަލައި އަގަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އާސަންދަ ކަވަރ ނުކުރާ ބޭސްތަކަކީ، ގިނަ ފަހަރު “ވިރަ” ޕޯޓަލް މެދުވެރިކޮށް އަދި ގުޅިފައިވާ އެހެން އެޖެންސީތަކުގެ އެހީގައި ރާއްޖެއަށް އެތެރެކުރާ ބޭސްތަކެކެވެ.
ސްޓޭޓް ފާމާއިން ފާހަގަކުރި ގޮތުގައި، ކަސްޓަމަރުގެ އަތުން ފައިސާ ނަގާފައިވާ ކަމަށް ދޭހަވާ މޭރުމުން މީސްމީޑިއާގައި މަޢުލޫމާތު ފެތުރުމަކީ ކުންފުނީގެ އަގު ވައްޓާލަން ކުރާ ކަމެކެވެ. އަދި ހަގީގަތް ބެލުމެއް ނެތް ދޮގު ޚަބަރު ނުފެތުރުމަށް ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން (ސްޓޭޓް ފާމާ) އަކީ ދިވެހިރާއްޖޭގައި ބޭހާއި މެޑިކަލް ސާމާނު އެތެރެކޮށް، މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.ކުރިން ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ރަށްރަށުގައި ފާމަސީ ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު އޮންނަނީ އެސްޓީއޯއަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1