ދުންފަތުގެ ބައެއް ބާވަތްތަކާއި ސިނގިރޭޓުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށްޓަކައި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
މި އިސްލާހަކީ 2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ނުވަވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. ރައީސް މި ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު މިހާރު ވަނީ މި ގާނޫނަށް ރަސްމީކޮށް އަމަލުކުރަން ފަށާފައެވެ.
މި ގެނެވުނު ބަދަލާއެކު، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމެއްނެތި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން (ހީޓަޑް ޓޮބޭކޯ) ނަގާ އިމްޕޯޓް ޑިއުޓީ ވަނީ 4 ރުފިޔާއަށް ތިރިކޮށްފައެވެ. އަދި މި ތަކެތިން ނަގާ އެޑްވެލޮރަމް ޑިއުޓީގެ ރޭޓަކީ 30 އިންސައްތަ ކަމަށް މިހާރު ވަނީ ނިންމާފައެވެ. މީގެކުރިން، 2024 ނޮވެމްބަރުގައި ސިނގިރޭޓުގެ ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރިއެވެ. ސަރުކާރުން ބުނާގޮތުގައި ދުންފަތުގެ ޑިއުޓީ އަލުން ކުޑަކުރަން ނިންމީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) ގެ އިރުޝާދުގެ މަތިންނެވެ. މީގެއިތުރުން، ދުންފަތް ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި، ނިކޮޓިން ޕެޗް އަދި ނިކޮޓިން ޗުއިންގަމް ފަދަ ތަކެތިން ނަގާ ޑިއުޓީ އެއްކޮށް މައާފްކުރުމަށްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ސަރުކާރުން މިހާރު ގެނައި ބަދަލަކީ، 2024 ނޮވެމްބަރުގައި ވޭޕް މަނާކުރުމާ ގުޅިގެން ސިނގިރޭޓް ބުއިން ހުއްޓުވުމަށްޓަކައި ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރުމުން އުފެދުނު ބޮޑު ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ފާސްކުރި އިސްލާހެކެވެ. ޑިއުޓީ މާބޮޑަށް މަތިވުމުގެ ސަބަބުން ސިނގިރޭޓް ފޮއްޓެއްގެ އަގު އިންތިހާއަށް އުފުލި، ގަވާއިދާ ހިލާފަށް ތަކެތި އެތެރެކުރުން ވެސް ވަނީ ގިނަވެފައެވެ.
ރާއްޖޭގެ ބާޒާރާ އެންމެ އެކަށީގެންވަނީ ސިނގިރޭޓަކަށް 4 ރުފިޔާގެ ރޭޓެއް ކަމަށް ލަފާދިނުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ޑިއުޓީ 4 ރުފިޔާއަށް ތިރިކޮށް، 30 އިންސައްތައިގެ އެޑްވެލޮރަމް ޑިއުޓީއެއް ކަނޑައަޅާފައެވެ. ސަރުކާރުން ބުނާ ގޮތުގައި މިއީ ދުންފަތާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުން ފަހަތަށް ޖެހުމެއް ނޫން ކަމަށާއި، މިއީ ކަޅު ބާޒާރު ނައްތާލައި، މާ ނުރައްކާތެރި ދުންފަތުގެ ބާވަތްތަކަށް މީހުން ބަދަލުވުން ހުއްޓުވުމަށް ސިއްހީ މާހިރުންގެ އިރުޝާދާއެކު އެޅި ފިޔަވަޅެކެވެ.