މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ (ފޭސް 1) ތާރު އެޅުމުގެ މަސައްކަތަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިމި، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީއިން ހާމަކުރި ގޮތުގައި، މަޝްރޫޢުގެ ސައިޓަށް ބޭނުންވާ ތާރު އަޅާ މެޝިނަރީޒް މިހާރު ވަނީ ގެންގޮސްފައެވެ. މީގެއިތުރުން، ސެގްމެންޓް 4 އަދި 5 ގެ ސަބް–ބޭސް މަސައްކަތްތައް މިހާރު ވަނީ ފެށުމަށް ތައްޔާރުވެފައެވެ.
އެމްޓީސީސީއިން ބުނީ، ޝީޓް ޕައިލް ކުރުމުގެ މަސައްކަތްތައް ވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. ހަމަމިއާއެކު، ކީވޯލް ކެޕިން ކޮންޓްރީޓް ކުރުމުގެ ފަހު މަސައްކަތްތައްވެސް މިއަންނަ ހަފުތާގައި ފެށުމަށް ތާވަލުކުރެވިފައިވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
މީގެ ކުރިން މަގުގެ ބައެއް ސެގްމެންޓްތަކުގައި ވަނީ ކޭބަލް އެޅުމާއި، ފެނާއި ނަރުދަމާގެ ނިޒާމުތައް މަރާމާތުކުރުމުގެ ބިންގަށީގެ މަސައްކަތްތައް ނިންމާފައެވެ. މިހާރު ކުރިއަށްދާ ފޭސް 1 ގެ ދަށުން ސެގްމެންޓް 4 އަދި 5 އެއްކޮށް އެއްވަރުކޮށް، ތާރު އެޅުމަށް ބޭނުންވާ ސަބް-ބޭސް ތައްޔާރުކުރުމުގެ މަރުހަލާ މިވަނީ ފެށިފައެވެ.