ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ރީޓެއިލް ފާމަސީތަކެއް، ސަރުކާރުގެ އައު ބޭސް ކުންފުނި “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް” (ސްޓޭޓް ފާމާ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.
ސްޓޭޓް ފާމާ އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެކުންފުނީގެ މައިގަނޑު މަގުސަދަކީ މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، ހިދުމަތް އތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމުގައި ސާބިތުކަމާއެކު ދެމިތިބުން ކަމަށެވެ.
އަދި މިފަދަ ގައުމީ މުހިއްމު ޒިންމާއަކާ ހަވާލުވުމަކީ ލިބޭ ޝަރަފެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.ސްޓޭޓް ފާމާއިން ވަނީ މި ގެނެވޭ ބަދަލުތައް ތަންފީޒުކުރަމުންދާއިރު، އާންމު ރައްޔިތުންނަށް ލިބިދާނެ ދަތިތަކަށް އެކުންފުނީގެ ފަރާތުން މައާފަށް އެދިފައެވެ.
މީގެއިތުރުން، އެކުންފުނީގެ ހޮޓްލައިން 1505 މެދުވެރިކޮށް، 24 ގަޑިއިރު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސާބިތުކަމާއެކު، ދެމިތިބޭނެ ކަަމަށް ސްޓޭޓްފާމާ އިން ބުނެއެވެ.
ހަމަމިއާއެކު، މި މަރުހަލާގައި ރައްޔިތުންނާއި ސިއްހީ ދާއިރާގެ އެންމެހައި ފަރާތްތަކުގެ އިތުތުން އެކުންފުނީގެ މުވައްޒަފުން ދެއވި ފުރިހަމަ އެއްބާރުލުމަށާއި، ބެހެއްޓި ކެތްތެރިކަމަށް ކަމަށް ސްޓޭޓް ފާމާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އެކުންފުނީގެ އެންމެ އިސް މަގުސަދަކީ “ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް” ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ސްޓޭޓް ފާމާ އަކީ ރާއްޖެއަށް ބޭނުންވާ މައިގަނޑު ބޭސްތަކާއި މެޑިކަލް ސަޕްލައިސް މެދުނުކެނޑި ފޯރުކޮށްދީ، ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2025 ސެޕްޓެމްބަރު 9 ގައި އުފެއްދެވި، ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. ރާއްޖެއަށް ބޭސް އެތެރެކުރުމާއި ފާމަސީތައް ހިންގުމުގެ ޒިންމާ 1984 ވަނަ އަހަރުން ފެށިގެން އުފުލަމުން އައީ އެސްޓީއޯ އިން ކަމަށްވީ ނަމަވެސް، ބޭހުގެ ސަޕްލައި ޗެއިން އެއް ފުރާޅެއްގެ ދަށަށް ގެނެސް ހަރުދަނާކުރުމަށްޓަކައި އެސްޓީއޯގެ ބޭހުގެ ވިޔަފާރި މިއަދު މިވަނީ ރަސްމީކޮށް ސްޓޭޓް ފާމާއާ ހަވާލުކޮށްފައެވެ.