ނިމިދިޔަ އަހަރު ފާހަގަކުރި ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަހުގެ ރަސްމީ ހަރަކާތްތަކަށް ޖުމްލަ 4،137،884 (ހަތަރު މިލިއަން އެއްލައްކަ ތިރީސް ހަތްހާސް އަށްސަތޭކަ އަށްޑިހަ ހަތަރު) ރުފިޔާ ޚަރަދުވެފައިވާ ކަމަށް މިނިސްޓަރ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ހާމަކުރައްވައިފިއެވެ.
މިނިސްޓަރު ހީނާ މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެެވެ.
ހީނާ ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ހިނގި ހުރިހާ ޚަރަދަކީ ހަމައެކަނި މާލޭގައި ބޭއްވުނު ފުޅަނދުބުރު، ކުޅިވަރުތައް އަދި ހެދުންތަކަށް ހިނގި ޚަރަދުތަކެއް ކަމަށެވެ. ހީނާ ވިދާޅުވީ، އެ މުނާސަބަތާ ގުޅިގެން އަތޮޅުތަކުގެ އެއްވެސް ރަށެއްގައި ރަސްމީ ހަރަކާތެއް ހިންގުމަށް މިނިސްޓްރީގެ ބަޖެޓުން އެއްވެސް ފައިސާއެއް ޚަރަދުކޮށްފައި ނުވާނެ ކަމަށެވެ.
މީގެއިތުރުން، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރިއިރު ގިނަ ހަރަކާތްތަކެއް މަދުކޮށް، ރަސްމީ ބޮޑު ޖަލްސާވެސް ބާއްވާފައި ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނިމިދިޔަ އަހަރުގެ ޖުލައި މަހު ގިނަ ހަރަކާތްތަކެއް ހިންގުމަށް ފުރަތަމަ ރޭވުނެވެ. ނަމަވެސް، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ހުރިގޮތުން، ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއެކު، މިނިވަން ދުވަހުގެ ރަސްމީ ބޮޑު ޖަލްސާއާއި ގައުމީ ކުޅިވަރުތައް ހިމެނޭހެން ގިނަ ހަރަކާތްތަކެއް ބާއްވާފައިވަނީ ވަރަށް ބޮޑަށް ކުޑަކޮށްލައިގެންނެވެ.