މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ބިންގާ އެޅުމުގެ ރަސްމިއްޔާތު އަންނަ ޖުލައި 6 ގައި ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިއީ ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ހިންގާ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށެވެ.
މާލޭގެ ބަނދަރު ބަދަލުކުރަން ޖެހުނު ސަބަބުތައް ހާމަކުރައްވަމުން ވަޒީރު ސަޢީދު ފާހަގަކުރެއްވީ، މާލޭގެ މިހާރުގެ ބަނދަރަކީ މީގެ 40 އަހަރު ކުރީގެ އާބާދީއާއި ވިޔަފާރީގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އެ ބަނދަރުން ހައްލެއް ނުލިބޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ވޭތުވެދިޔަ ތަނުގައި ރާއްޖޭގެ ވައިގެ ބަނދަރު ތަރައްގީވަމުން އައި ނަމަވެސް، ކަނޑުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ހާމަކުރެއްވި ގޮތުގައި، އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް މާލޭ ކޮމާޝަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމުގެ މައިގަނޑު މަސައްކަތްތައް މުޅިން ނިންމާލެވޭނެއެވެ.
ސަރަހައްދީ އިގްތިސާދު ފުޅާކުރުމުގެ ގޮތުން ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. މީގެ ތެރޭގައި ކުޅުދުއްފުށީ ބަނދަރުގެ ޖާގަ އިތުރުކުރުމާއި، ދެ ބަނދަރުގައިވެސް ފްރީ-ޒޯން ނުވަތަ ޑިއުޓީ ފްރީ ގުދަންތަކާއި ސިނާއީ ޖާގަ ގާއިމުކުރުން ހިމެނެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1