ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތީގެ މިންވަރު އޭގެ ކުރީގެ ތިން އަހަރާ އަޅާބަލާއިރު 31.1 އިންސައްތަ ގިނަ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސް އިން ހާމަކުރިގޮތުގައި، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމްސް އިން 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 147 މައްސަލައެއް ތަހުގީގުކޮށްފައިވާއިރު، އޭގެ ކުރީގެ ތިން އަހަރު އަތުލައިގަތީ 247 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 116 މައްސަލައެވެ. އެހެންކަމުން މައްސަލަތައް ރިޕޯޓްކުރި ނިސްބަތް ވަނީ 27 އިންސައްތަ އިތުރުވެފައެވެ.
ކަސްޓަމްސްއިން ފާހަގަކުރިގޮތުގައި، 2019 އިން 2023 ގެ ނިޔަލަށް ހޭދަވި ފަސް އަހަރުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލައަށްވުރެ، 2024 އިން 2026 ގެ ޖޫން މަހުގެ ނިޔަލަށް އަތުލައިގަތް މިންވަރު ވަނީ އިތުރުވެފައެވެ.
ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު އިތުރުވަމުންދާއިރު، އެތެރެކުރުމަށް ބޭނުންކުރާ އުކުޅުތަކާއި މަގުތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޚާއްޞަކޮށް ވައިގެމަގާއި ކަނޑުމަގުގެ އިތުރުން، ކޫރިއާ ސަރވިސްތައް މެދުވެރިކޮށް ޕާރުސަލްތަކުގައި ސިންތެޓިކް ޑްރަގްސް އެތެރެކުރުން ވަނީ އިތުރުވެފައެވެ. މިކަމާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބޯޑަރުތަކުގެ ފާރަވެރިކަން ވަރުގަދަކޮށް، ޒަމާނީ އެކްސް-ރޭ މެޝިންތަކާއި އިންޓެލިޖެންސް ނިޒާމުތައް ވަނީ ހަރުދަނާކޮށްފައެވެ. އަދި ފުލުހުންނާއި ގުޅިގެން ހިންގާ ޖޮއިންޓް އޮޕަރޭޝަންތައް އިތުރުކުރުމަކީވެސް މިފަދަ ތަކެތި އަތުލައިގަތުން ރެކޯޑް މިންވަރަކަށް މަތިވުމަށް މެދުވެރިވި މައިގަނޑު ސަބަބެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1