މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން، މިއަހަރުގެ މާރިޗު އަދި އޭޕްރީލް މަހު ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިޔަ ނަމަވެސް، ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު މިހާރު ހާލަތު ރަނގަޅުވެ، މި މަހުން ފެށިގެން ކުރިއެރުން ލިބެމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ، ޖެޓް ފިއުލްގެ އަގު ހެޔޮކޮށް، ބަދަލު ރޫޓުތައް ހަމަޖެއްސުމުން، 2026 ގެ ފަހު ކުއާޓަރުތަކުގައި ފަތުރުވެރިކަން 2025 ވަނަ އަހަރުގެ ރެކޯޑް އަދަދުތަކަށްވުރެވެސް މައްޗަށް އަރާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 2026 ވަނަ އަހަރުގެ މާޗް އަދި އެޕްރީލް މަހު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށެވެ. އެގޮތުން އެ ދެ މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 24 ޕަސެންޓް ނުވަތަ 25 ޕަސެންޓް ދަށަށް ގޮސްފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ދަށަށްދިއުން ކުރިމަތިވީ ރާއްޖޭގެ ފަތުރުވެރިކަން މެދުއިރުމަތީގެ އެއާލައިންތަކަށް އިންތިހާއަށް ބަރޯސާވެފައި އޮތުމުގެ ސަބަބުންނެވެ. ނަމަވެސް، އެއާލައިންތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސަރުކާރާއި ފަތުރުވެރިކަމުގެސިނާއަތް ގުޅިގެން ކުރި މަސައްކަތްތަކުން މި މަހު (ޖޫން މަހު) ބޮޑެތި ކުރިއެރުންތަކެއް ފެންނަން ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ކެބިނެޓާއި ފަތުރުވެރިކަމުގެ ސިނާއަތް ގުޅިގެން ހަނގުރާމައިގެ ހާލަތު ދިރާސާކޮށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުންތައް ކުޑަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ތެރޭގައި އެއާލައިންތަކަށް އެހީވުމާއި، މެދުއިރުމަތި ނޫން އެހެން ރޫޓުތަކުން ރާއްޖެއަށް އާދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. ސަރުކާރާއި އިންޑަސްޓްރީން ދެއްކީ ނަމޫނާ މަސައްކަތެެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.