ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ބޭނުންވި ނަމަވެސް، އެކަމަށް އިގްތިސާދީ އަދި އޮޕަރޭޝަނަލްބޮޑެތި ގޮންޖެހުންތަކެއްއެބަހުރި ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޓިކެޓް އަގު ހެޔޮކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބައެއް ރޫޓުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަދަދު މަދުވުމެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކޮށް، އެ އަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދެވޭނީ އައިލެންޑް އޭވިއޭޝަން އަކީ މާލީގޮތުން ސަރުކާރަށް ބަރުނުވާ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ހަދައިގެންނެވެ.
“އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގު ހެޔޮކުރުމަށްޓަކައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. މިހާރުވެސް ޓިކެޓް އަގުތައް ހުރީ އެއާލައިންތަކަށް ހިނގާ ޚަރަދުތަކާ އެކަށީގެންވާ ގޮތެއްގައެއް ނޫން. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 30 އިން 40 ޕަސެންޓަށް އުފުލުނުއިރުވެސް، ސަރުކާރުން ޚަރަދުތައް މެނޭޖްކޮށްގެން އަގުތައް ބޮޑުނުކޮށް މިވަނީ ހިފަހައްޓާފައި.”
އަގުތައް ބޮޑުނުކޮށް ހިފެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ލޮޅުންތަކާއި، ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން މި ވައުދު ފުއްދުމުގައި ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ބައިނަލްއަގުވާމީ މާކެޓަށް ވައިޑް ބޮޑީ އެއާކްރާފްޓް ތައާރަފްކޮށް، އެއިން ލިބޭ ފައިދާއިން އެތެރޭގެ ވައިގެ ދަތުރުތަކުގެ އަގުތައް ހަމަޔަކަށް އެޅުވުމަށެވެ.