މިހާރުގެ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އަށް ވެރިކަން ނުލިބުނު ނަމަ މިހާރު ރާއްޖެ އޮންނާނީ ބަނގުރޫޓުވެފައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިބާޒާރުގައި ޑޮލަރުގެ އަގު ތިރިކުރައްވާނެ ކަމަށް 2024 ވަނަ އަހަރު ލ. މާވަށުގައި މިނިސްޓަރު ސަޢީދު ވެވަޑައިގެންނެވި ވައުދަށް އިޝާރާތްކުރައްވައި، ސަރުކާރުން ގަސްތުގައި ޑޮލަރުގެ އަގު ދަށްނުކޮށް ހިފަހައްޓަނީތޯ ނޫސްވެރިއަކު މިއަދުގެ ބައްދަލުވުމުގައި ސުވާލުކުރިއެވެ.
މިނިސްޓަރު އެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ރާއްޖެ ދަރުވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި، ރާއްޖޭގައި އޮތް ދަރަނިވެރިކަން ނިމުމަކަށް ގެނައުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށެވެ.
“އެމްޑީޕީގެ ޗެއާރޕާސަން ވެސް އަޑުފުޅަށް ބާރުލާފައި ވިދާޅުވި ނޫންތޯ؟ އިބްރާހިމް މުހައްްމަދު ސޯލިހުގެ ސަރުކާރު ދަނީ ފެއިލްވަމުންނޭ، ވެއްޓެމުންނޭ. އަދި ވެއްޓުމުގެ އެންމެ ބޮޑު ސިއްރެއް ގޮތުގައި ފާހަގަކުރީ ފައިސާ ޗާޕު ކުރާތީއޭ. ދެފުށް ނުފެންނާތީއޭ.”
މިނިސްޓަރު ވިދާޅުވީ ރާއްޖެ މިހާ ބޮޑަށް ދަރުވާލީ ކީއްވެތޯ ސުވާލުކުރައްވަން ޖެހޭނީ ކުރީގެ ރައީސް ސޯލިހުއާ ކަމަށެވެ. މީގެއިތުުރުން ބޭރު ގައުމުތަކުން ލިބުނު އެހީ ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ފައިސާ ޗާޕު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ނަމަވެސް، އެކަން ކުރި ކަމަށެވެ.
ހަމަމިއާއެކު މިނިސްޓަރު ވިދާޅުވީ މަޖިލީހުގައި މަސައްކަތް ކުރެއްވި އިރުގައިވެސް ތަކުރާރުކޮށް ފައިސާ ޗާޕު ކުރަންޖެހޭ ސަބަބު އޮޅުންފިލުވަން މަސައްކަތް ކުރެއްވި ކަމަށެވެ.
“ޕީއެންސީގެ މެންބަރެއްގެ ހައިސިއްޔަތުން، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުނ، ްއަލީ ހާޝިމްއޭ ފައިސާ ޗާޕު ނުކުރާށޭ.ކޮން މަޖުބޫރުކަމެއް އޮވެގެންތޯއޭ ފައިސާ ތިވަރަށް ޗާޕު ތިކުރަނީ.ތިކަން ބައްދަލު ކުާރާނެއޭ ރާއްޖެއަށް ޑޮލަރާއި ރުފިޔާގެ މި ރޭޓްތަކުގައި.ނަސީބެއް ނޫން ތޯ އަޅުގަނޑުމެނަށް މެޖޯރިޓީ ލިބުނުކަން.ނަސީބެއް ނޫންތޯ ސަރުކާރު ލިބުނުކަން. އެހެން ނޫންނަމަ ރާއްޖެ އޮންނާނީ ބަނގުރޫޓު ވެފައި. ބައްލަވާ މިސަރުކާރުގައި 1.29 ބިލިއަން އެމެރިކާ ޑޮލަރު ދައްކާ ި ނިމުނީ މިދިޔަ އަހަރު ތެރޭގައި.”
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި،މާލީގޮތުން ރާއްޖޭގެ ރޭޓިން ދަށްވިނަމަވެސް، ރާއްޖެ ދައްކަންޖެހިފައި އޮތް ސުކޫކު ނުދެއްކި ގައުމު ބަނގުރޫޓްވާނެ ކަމަށް ލަފާކުރި ބައިނަލްއަގުވާމީ އިދާރާތަކުންވެސް ރާއްޖެއަށް މިހާރު އިތުބާރު ކުރާ ކަމަށެވެ.މިނިސްޓަރު އިތުރަށް ވިދާޅުވީ،ރާއްޖޭގެ އިގުތިސާދު މިހާރު ކުރިއަރަމުން އަންނަ ކަމަށެވެ.