ސަރުކާރުން ޢާންމުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަގުސަދުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މި ފިޔަވަޅުތައް އަޅަން ނިންމެވީ 28 ޖޫން 2026 ވީ އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ސަރުކާރުގެ މަޝްރޫޢުތައް ބަލަހައްޓާ “ދުވެލި” ޕޯޓަލް އާއި ފިނޭންސް މިނިސްޓްރީގެ “ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް ޕޯޓަލް މި ހަފުތާގެ ނިޔަލަށް އަދާހަމަކުރުމަށް ކެބިނެޓުން ވަނީ ނިންމަވާފައެވެ. އަދި އޭގެ ފަހުން ވެސް އެ ބޯޑުތަކަށް އަންނަ ބަދަލުތައް ވަގުތުން ވަގުތަށް އަޕްޑޭޓް ކުރަމުން ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެކިއެކި ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި އެކަމަށް ޚާއްޞަ ޓީމެއް ގާއިމުކުރެއްވުމަށް ވަނީ ނިންމާފައެވެ.
އަދި މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރަމުން ގެންދާނޭ ޚާއްޞަ ޔުނިޓެއް، ކޮންމެ ވުޒާރާއެއްގައި ގާއިމުކުރެއްވުމަށްވެސް، ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެެވެ.
ވަޒީރުންގެ މަޖިލީހުން ނިންމެވީ ހައުސިންގ މިނިސްޓްރީގެ މަޝްރޫޢުތައް ސުންގަޑިއަށް ނިންމުމަށް ފިނޭންސް މިނިސްޓްރީއާއި ކޮންޓްރެކްޓަރުންނާ އެކު ޚާއްޞަ މަސައްކަތްތަކެއް ކުރުމަށެވެ. އަދި 2027 ޖަނަވަރީގެ ކުރިން މުޅި ރާއްޖޭގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ކަންކަން އަވަސްކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ކެމިކަލް ގުދަންތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ބަލައި، މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައި ވެސް އެފަދަ ތަންތަން ހެދުމުގެ ހުއްދަ ދޭނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ތަންތަނުގައި އެކަނި ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.
ސަރުކާރުގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ސިޔާސަތެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1