ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކު ފަހުމުނާމާތަކެއްގައި ސޮއިކޮއްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރީ ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ހަފްލާގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހު އަދި ގުޅުންހުރި އިދާރާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
އެމްއޭސީއެލް އިން ބުނީ،ި ފަހުމުނާމާތަކުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އެއަރޕޯޓުން ވެފައިވާ ތައްޔާރީތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ.މީގެއިތުރުނ، ރާއްޖޭގެ މައި އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި، މުޢާމަލާތުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެކުންފުނިން ބުނެއެވެ.
ހަމަމިއާއެެކު،އެމްއޭސީއެލް އިން ބުނީ މި ފަހުމުނާމާތަކުގެ ދަށުން އެމްއޭސީއެލް އާއި އެހެނިހެން އިދާރާތަކާ ދެމެދު ރަސްމީ އޮނިގަނޑެއްގެ ތެރެއިން ރަސްމީކޮށް އެއްބާރުލުން ދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.މީގެ ތެރޭގައި ކޮންމެ މުއައްސަސާއެއްގެ ދައުރު ސާފުކޮށް ކަނޑައެޅުމާއި، ކުއްލި ހާލަތްތަކުގައި ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ހިންގުން ހިމެނޭކަމަށް އެކުންފުނިން ބުނެއެވެ.
މި އެއްބަސްވުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިއީ އެއަރޕޯޓުގައި ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން އެޅުނު ވަރަށް މުހިންމު އަދި ކާމިޔާބު ފިޔަވަޅެއް ކަމަށެވެ. މި ފަހުމުނާމާތަކުގެ ސަބަބުން ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކިފަރާތްތަކުގެ ޒިންމާތައް ހިއްސާކުރުމަށް މަގުފަހިވާނެ ކަމަށް ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ފާހަގަކުރެއްވިއެވެ.
އެމްއޭސީއެލް އިން ވަނީ ފަަހުމުނާމާގައި ސޮއި ކުރި އިދާރާތަކަށް ޝުކުރު އަދާކޮށްފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިފަދަ ހާލަތަކަށް ތައްޔާރުވެފައިވާ، ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން އެކުންފުނިން ވަނީދީފައެވެ.