ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ އީ-ކޮމާސް ވެބްސައިޓްތަކުގައި ކުރާ މުޢާމަލާތްތަކަށް ދާދިފަހުން ކަނޑައަޅާފައިވާ ލިމިޓްތަކަށް ވަރަށް އަވަހަށް ބަދަލު ގެންނާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސް ވަނީ ވަނީ މި ބަދަލުތަކުގެ ފައިދާ މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް ލިބޭނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ދީފައިވާކަން ހާމަކުރައްވާފައެވެ.
ވިޔަފާރިތަކަށާއި އަމިއްލަ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ބޭންކްތަކަށް ލިބޭ ޑޮލަރަށް ވުރެ ޑޮލަރުގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން، ބީއެމްއެލް އިން ވަނީ މިދިޔަ މަހުން ފެށިގެން އީ-ކޮމާސް ވެބްސައިޓްތަކުގައި ކުރާ ބޭރު ފައިސާގެ މުޢާމަލާތްތަކަށް ލިމިޓްތަކެއް ކަނޑައަޅާފައެވެ.
މީގެ ކުރިން ބީއެމްއެލް ޑެބިޓް ކާޑުތަކުން ބޭރުގެ މުޢާމަލާތްތައް ކުރެވޭނެ ލިމިޓަކީ 250 ޑޮލަރު ކަމަށްވާއިރު، މިދިޔަ އަހަރު އެ ލިމިޓް 500 ޑޮލަރަށް މަތިކުރިއެވެ. ބީއެމްއެލްގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވެސް ވަނީ ދާދިފަހުން އެ ބޭންކުގެ ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ ވަކި އީ-ކޮމާސް ވެބްސައިޓްތަކެއްގައި (ޝީއިން، ޓެމޫ އަދި އެލީއެކްސްޕްރެސް ފަދަ) ޑޮލަރުން ވިޔަފާރިކުރުން މަނާކޮށް، މަހެއްގެ މައްޗަށް ކުރެވޭނެ އޮންލައިން މުޢާމަލާތްތަކުގެ އަދަދު 10 އަކަށް ލިމިޓްކޮށްފައެވެ.
ބޭންކުން ހާމަކުރި ގޮތުގައި މި ފިޔަވަޅު އެޅީ ޑޮލަރުގެ ތާށިކަން ހުރި ގޮތުން، ވީހާވެސް ގިނަ ކަސްޓަމަރުންނަށް އެންމެ ޒަރޫރީ ކަންކަމުގައި ޑޮލަރު ލިބޭނެ ގޮތް ދެމެހެއްޓެނިވި ގޮތެއްގައި މަގުފަހިކޮށްދިނުމަށެވެ.