ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިއަހަރުގެ ތެރޭގައި ސަރުކާރުން އިއުލާނުކުރާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ދޫކުރުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނުވަތަ ވަކި ފަރާތަކަށް ބުރަވުމެއް ނެތި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކުރިއަށްގެންދާ ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުންދޭ ބޯހިޔާވަހިކަމަކީ، ވަކި މީހަކަށްވުމުން ދޭނެ އެއްޗެއް ނޫން ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ކުރީގައި އެކި ފަރާތްތަކުގެ ނުފޫޒުގެ ތެރެއިން ގޮސް އެކި ފަރާތްތަކަށް ފްލެޓާއި ގޯއްޗާ މިތަންތަން ދީފައި ހުރި ކަމަށެވެ. އެހެންވީމަ އެކަހަލަ އެއްވެސް ކަހަލަ ޝަކުވާއެއް ނާންނާނެ ގޮތަށް އެ ޔަގީންކަން އަޅުގަނޑުމެން ދެމުން މިކަން މި ކުރާ ކަމަށާއި، އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ މީހަކަށްވީތީ ދޭނެ އެއްޗަކަށް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަފްސީލުތައް، ހުށަހަޅާފައިވާ ތަފްސީލުތައް ރަނގަޅަށް ވެރިފައިކޮށްފައި ބަލާފައި އެ ފަރާތްތައް މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޕޮއިންޓްތައް ހަމަވާ ނަމަ އެ އޮންނަ ތަރުތީބަކުން އެކަނި އެ ފަރާތަކަށް ފްލެޓު ނޫނީ ގޯތި ލިބޭނީ.”
ހަމަމިއާއެކު، ރައީސް ވިދާޅުވީ، ފްލެޓު ދެވޭނެ ސީދާ ތާރީހަކީ މިވަގުތު ދެންނެވޭނެ ތާރީހެއް ނޫން ކަމަށެވެ. އެކަމަކު ރެއާ ދުވާލު އެމަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އަމާޒަކީ ވީއެންމެ އަވަހަކަށް ހުރިހާ ކަމެއް ނިންމައި ދާއިމީ ލިސްޓު އިއުލާންކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް “ހައުސިންގ ފޯރ އޯލް” ސިޔާސަތުގެ ދަށުން ހުޅުވާލި އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ޖޫން 15،2026 އަށް ހަމަވިއިރު، ޖުމްލަ 58,000 އަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައެވެ.