ކުރިއަށް އޮތް ދުވަސްތަކުގައި ބޯހިޔާވަހިކަމުގައި އިތުރު ފަހި ފުރުޞަތުތައް ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި، ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ވިދާޅުވީ، ދިފާޢީ ޚިދުމަތްތައް ހަރުދަނާކޮށް ވަރުގަދަކުރުމަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި އިޚްލާސްތެރިކަމާއެކު ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.
“ދިވެހި ފުލުހުންގެ ޚިދުމަތަކީ ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މައިބަދަ. ކޮންމެ ފުލުހަކީވެސް ޤާނޫނު ނަގަހައްޓައި، ރައްޔިތުންނަށް ނަމޫނާ ދައްކާ، އިޚްލާޞްތެރިކަމާއެކު ޤައުމީ ޚިދުމަތުގައި ސާބިތުވެ ހުންނާނެ މީހަކަށް ވާންޖެހޭ.”
ރައީސް ވިދާޅުވީ، އެތައް އަހަރެއްވަންދެން މޫލަމުންދިޔަ، ނުރަނގަޅު އެތައް އާދައަކުން މުޖުތަމަޢު ސަލާމަތްކޮށް، ހަމަޖެހުމާއި ރައްކާތެރިކަން ޤާއިމުކުރުމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސާސާގެ ހައިސިއްޔަތުން، ގިނަ މަސައްކަތްތަކެއް ދިވެހި ފުލުހުން ކުރައްވަމުން ގެންދަވާ ކަމަށެވެ.
މީގެއިތުރުން، މިމަސައްކަތްތައް ކުރިއަށް ގެންދަވަނީ އެތައް ގޮންޖެހުމަކާއެކުގައި ކަމަށާ، ނަމަވެސް ހިތްހަމަޖެހިވަޑައިގެން ފުރިހަމަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާ، ރައްޔިތުންވެސް ބަލައިގަންނަ ފަދަ ޚިދުމަތެއް ދިވެހި ފުލުހުންގެ ފަރާތުން ލިބެމުންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ޚިދުމަތަށް ހުރި ހުރަސްތައް ނައްތާލުމަށް، މާލޭގައި އައު ހެޑްކުއާޓަރަކާއި އިތުރު މަރުކަޒެއް އަދި ދ. ވާނީގެ ތަމްރީނު މަރުކަޒު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، އަމިއްލަ އިމާރާތްތަކުގައި ޚިދުމަތް ދިނުމަށް މިހާރު ހިންގާ އުމްރާނީ މަޝްރޫޢުތައް އަންނަ އަހަރު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.
ހަމަމިއާއެކު، ކުރިއަށް އޮތް ތަނުގައި ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ހާސިލުކުރި ފުލުހުންނަށް އެ އެވޯޑުތައް ރައީސް ވަނީ ހަވާލުކޮށްދެއްވާފައެވެ. އަދި މުއައްސަސާއަށާއި ޤައުމަށް ގިނަ ދުވަހު ވަފާތެރިކަމާއެކު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކޮށް، ހަނދާނީ ފިލާ ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.