ށ. ފުނަދޫގައި ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ “އިސްރަށްވެހިންގެ ހިޔާވަހި” ގާއިމުކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) .އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާޢީލް ޢަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުބީން އެވެ.
އެގޮތުން،ޖުމްލަ 37.46 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރެވުނު މަސައްކަތެކެވެ.އެމްޓީސީސީ އިން މައުލޫމާތު ދިންގޮތުގައި،މި މަޝްރޫޢުގެ ދަށުން ފުނަދޫގައި ބިނާކުރާނީ 40 މީހުންގެ ޖާގަ ހިމެނޭ ދެ ފަންގިފިލާގެ އިމާރާތެކެވެ.
މި މަރުކަޒުގައި ސިއްޙީ ޚިދުމަތްދޭ ބަޔަކާއި، އިދާރީ އޮފީހަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަނާއި، ކަސްރަތާއި މުނިފޫހިފިލުވުމަށް ޚާއްސަ ރިކްރިއޭޝަން ސަރަހައްދެއް ހިމެނެއެވެ. މިއީ އާއިލާގެ އަޅާލުން ކުޑަވެގެން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ދޮށީ އުމުރުގެ މީހުންނަށް، އުފާވެރި މާހައުލެއްގައި ފެންވަރު ރަނގަޅު ޚިދުމަތްތަކާއެކު ދިރިއުޅެވޭނެހެން ހަދާ މަރުކަޒެކެވެ. އިސްރަށްވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ.