މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގެ ޚިދުމަތްތައް އަވަސްކޮށް، އުޅަނދުފަހަރަށް ހުއްދަ ހޯދުމުގެ ކަންކަން ފަސޭހަކުރުމަށްޓަކައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ.
އެމްއޭސީއެލް އިން ބުނީ، “ހާބަރ ޕޯޓަލް”ގެ ނަމުގައި ތަޢާރަފުކުރެވޭ މި ޕޯޓަލްގެ މަގުސަދަކީ، އުޅަނދުތައްރަޖިސްޓްރީކުރުމާއި، ފަޅުތެރެ ބެލެހެއްޓުމާގުލޭ ކަންކަން ދެފުށް ފެންނަ، ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ. އޭގެ އިތުރުން، މި ޕޯޓަލްގެ މެދުވެރިކޮށް ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓަރ ކުރުމުގައި އެމްއޭސީއެލްއަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
އެމްއޭސީއެލް އިން މަައުލޫމާތު ދިން ގޮތުގައި،ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން “ހާބަރ ޕޯޓަލް”ބޭނުންކުރަން ފެށުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.އެގޮތުން،ުރަތަމަ މަރުހަލާގައި އިސްކަންދޭނީ އުޅަނދުތައްރަޖިސްޓްރީކުރުމާއި، ޕޯޓަލް ބޭނުންކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށްކަމަށް،އެކުންފުނިން ބުނެއެވެ.
އަދި ރަޖިސްޓްރީކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުޢާމަލާތްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އެމްއޭސީއެލް އިން،ހާބަރ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އުޅަނދުތަކުގެ ވެރީންނާއި އޮޕަރޭޓަރުންނަށް އެކަށީގެންވާ ވަގުތުދިނުމުގެ ގޮތުން ޕޯޓަލްގައި ރަޖިސްޓްރީކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ނިޔަލަށެވެ. އަދި ފަހު މަރުހަލާގައި ‘ހާބަރ ޕޯޓަލް’ ފުރިހަމައަށް ބޭނުންކުރަން ފެށުމާއެކު، ފަޅުތެރޭގެ ޚިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.