މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި ކާނިވާ ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ދިމާލުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.
މި މަޝްރޫޢަކީ އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވާއިރު، ކުރިއަށްއޮތް ބުދަދުވަހު މަގުގައި ތާރުއަޅަން ފެށުމަށް ވަނީ ނިންމާފައެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ތައްޔާރީތަކަށްޓަކައި ޖޫން 25 ވާ ބުރާސްފަތި ދުވަހުގެރޭ 23:50 އިން ފެށިގެން، ކާނިވާ ހިސާބުން ތާރުއަޅަން ހަމަޖެހިފައިވާ ބައި ވަގުތީގޮތުން ބަންދުކުރާނެއެވެ.
އެހެންވެ، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ފުލުހުން ދީފައިވާ ސުންގަޑީގެ ކުރިން ނެގުމަށް ވަނީ އެދިފައެވެ. އަދި މި އިލްތިމާސަށް އިޖާބަނުދީ ބަހައްޓާފައި ހުންނަ އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މަގު ބަންދުކުރި ނަމަވެސް، ކާނިވާ ޕާކިންގ ސަރަހައްދަށް ވަދެނިކުމެވޭ ދޮރާ ހަމައަށް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ކުރިން ބުނެފައިވެއެވެ.
މި މަޝްރޫޢަކީ ވާރޭވެހި މާލޭގެ އުތުރު ފަރާތުގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ކަނޑުގެ އަޑިން ހޮޅިތަކާއި ފެންހިންދާ ނިޒާމު އަލުން ފަރުމާކޮށް ވަރުގަދަކުރުމަށް ހިންގާ މަޝްރޫޢެކެވެ.މަގުގައި ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ ނަރުދަމާ ލައިންތަކާއި، ފެން ހޮޅިތަކުގެ ގުޅުންތަކާއި، ފެންހިންދާ ވަޅުތަކުގެ އިތުރުން ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ ހުރިހާ މުހިންމު މަސައްކަތްތަކެއް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.