އިންތިޚާބީ މަންދޫބުން މަޤާމާ ޙަވާލުވުމަށްފަހު، ސިޔާސީ ވަކި ފިކުރަކަށް ބެލުމެއްނެތި، ހުރިހާ ރައްޔިތުންނަށް އިންޞާފުވެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ސިލްސިލާ ޕޮޑްކާސްޓް “ނޭޝަން ޗެޓް”ގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ،އިންތިޚާބުތަކުގައި އެކިއެކި ޕާޓީތަކުން ވާދަކުރައްވާ، އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވިވަޑައިގަންނަވާ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ، ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރަން މަގުތައް ބަންދުކުރުމުގެ މަސައްކަތް ކުރާތީ ފެނިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް ޤައުމުގެ ކަންކަން ރަނގަޅުމަގަކުން ދާނީ އެކަން ބަދަލުވެގެން ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
“އިންތިޚާބުތަކުގައި ތަފާތު ޕާޓީތަކުން ވާދަކުރެއްވި ނަމަވެސް، އިންތިޚާބުވެވަޑައިގަންނަވާ ހިސާބުން ފެށިގެން އެ ބޭފުޅަކީ ހުރިހާ ރައްޔިތުންގެ މަންދޫބެއް. އެހެންވީމާ، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވުމަކީ އެންމެ އިސް ވާޖިބު.”
މީގެއިތުރުން، މިކަމުގައި އޮތީ ހުރިހާ ފަރާތްތަކަކުންވެސް އިޚްލާސްތެރިވުންކަމަށާ، އެ ބަދަލު ފެނިގެންދާނީ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުންވެސް އިޚްލާސްތެރިވެވަޑައިގަތުމުން ކަމަށްވެސްރައީސް ވަނީ ވިދާޅުވެފައެވެ.
: އިދިކޮޅުން ‘މޯލްޑިވްސް 2.0’ މަޝްރޫޢާ ގުޅުވައިގެން ކުރާ ތުހުމަތުތަކަށް ރައްދުދެއްވައި، ޤައުމުގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް ރައީސް ވަނީ ތަފްސީލުކޮށް ދެއްވާފައެވެ