ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް ވިސާ ފީ ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބޭންކަށް އެދި ހުށަހެޅުމުން ހުރިހާ ދަރިވަރުންނަށްވެސް ކާޑު ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާރސަން މުހައްމަދު ސައީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެކުރިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ބޭންކުން ކާޑަށް ލިމިޓް ދެމުން އައީ ‘ކޭސް ބައި ކޭސް’ އުސޫލުން، ކޮންމެ މައްސަލައަކަށް ވަކިވަކިން ބެލުމަށްފަހުގައި ކަމަށެވެ.
އޭނާ ވިދާޅުވީ، ދަރިވަރުންނަށް ބޭނުންވާ ބޭރުފައިސާ ހަމަޖައްސައިދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދެއްވި އެހީތެރިކަމާއެކު، ދެން ވިސާ ފީ ދެއްކުމަށް ބޭންކަށް އެދި ހުށަހަޅާ ހުރިހާ ދަރިވަރުންނަށްވެސް އެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. މި ބަދަލުގެ ސަބަބުން ބޭރުގައި ކިޔަވާ އެތައް ހާސް ދިވެހި ދަރިވަރުންނަކަށް ވިސާ އާކުރުމާއި ފައިސާ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް މީގެކުރިން ބޭނުންކުރެވެނީ 750 ޑޮލަރެވެ. ނަމަވެސް، ބޭރު ޤައުމުތަކުގައި ދިރިއުޅުމުގެ ޚަރަދުތަކާއި ކިޔެވުމުގެ ފީތައް ބޮޑުވުމުގެ ސަބަބުން ދަރިވަރުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހުމާ ގުޅިގެން، ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓް 1200 ޑޮލަރަށް ބޮޑުކޮށްދީފައެވެ.