ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން ރާއްޖޭގެ ވެރިރަށް މާލެއަށް ބަނދަރުކުރި މަޝްހޫރު ލަކްޝަރީ ކްރޫޒްލައިނާ “އެމް.އެސް ވައިކިންގް ޔީ ޑުން” ގައި ތިބި ހުރިހާ ސިންޖަރުންނާއި ފަޅުވެރިންނަށް ދަތުރުމަތީގައި އިމިގްރޭޝަން ކްލިއަރެންސްގެ ޚިދުމަތް ދީފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެ އިދާރާގެ ސީޕޯޓް ޑިވިޜަންގެ އޮފިސަރުން ވަނީ މި އުޅަނދު ރާއްޖެއަށް ދަތުރުކުރަމުންދިޔަ ވަގުތު ބޯޑަށް އަރައި، އޭގައި ތިބި 732 ފަސިންޖަރުންނާއި 486 ފަޅުވެރިންގެ އިމިގްރޭޝަން ޗެކްތައް ، ފުރިހަމަކޮށްދީފައެވެ. މިގޮތަށް ދަތުރުމަތީގައި،ޚިދުމަތް ދިނުމުގެ މައިގަނޑު ބޭނުމަކީ އުޅަނދު މާލެއަށް ބަނދަރުކުރުމާއެކު، ފަސިންޖަރުންނަށް އެއްވެސް ލަސްވުމެއް ނެތްގޮތަށް ރާއްޖެއަށް ފޭބުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ދަތުރުމަތީގައި އިމިގްރޭޝަން ކްލިއަރެންސް ދިނުމުގެ ޚިދުމަތް ތަޢާރަފްކުރީ ރާއްޖެއަށް އަންނަ ބޮޑެތި ކްރޫޒްލައިނާތަކާއި ސަފާރީތަކަށް އަވަސް އަދި ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ. މީގެ ކުރިން ބޯޓެއް ރާއްޖެއަށް ބަނދަރުކުރުމުން ނޫނީ އިމިގްރޭޝަން ޗެކްތައް ނުހެދޭތީ، ގިނަ އަދަދެއްގެ ފަސިންޖަރުން ބޯޑުން ފޭބުމަށް ގިނަ ވަގުތުތަކެއް ހޭދަވެ، ބަނދަރުމަތީގައި ތޮއްޖެހުން ކުރިމަތިވެއެވެ. ނަމަވެސް މި އާ ނިޒާމުގެ ދަށުން، އުޅަނދު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ކުރިން އިމިގްރޭޝަން އޮފިސަރުން އުޅަނދަށް އަރައި، ދަތުރުކުރާ ވަގުތުގެ ތެރޭގައި ހުރިހާ ޕާސްޕޯޓް ޗެކްތަކެއް ފުރިހަމަކުރެއެވެ.