އިސްކަންދަރު ސްކޫލުގެ މުވައްޒަފުން އިސްވެ އުފައްދާފައިވާ “އިސްކަންދަރު ވޯކާސް ޔޫނިއަން”އަކީ ގަވާއިދާ ޚިލާފު ނަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން،މިނިސްޓަރު ވިދާޅުވީ.ދައުލަތުގެ ރަސްމީ މުއާސަލާތުތަކާއި ސަރުކާރުގެ މަދަރުސާތަކުގެ ނަމާ އޮޅުންއަރާ ގޮތަށް އަމިއްލަ އެއްވެސް ޔޫނިއަންއެއް ނުހިންގޭނެ ކަމަށެވެ. އަދި ސަރުކާރުގެ މަދަރުސާއެއްގެ ނަން ބޭނުންކޮށްގެން، އެތަނެއްގެ މުވައްޒަފުން ވަކި ޖަމްޢިއްޔާއެއް ހަދައިގެން ހަރަކާތްތެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، “އިސްކަންދަރު ވޯކާސް ޔޫނިއަން” ގެ ނަމުގެ މައްސަލަ، ޔޫނިއަންތައް ރަޖިސްޓްރީކޮށްދޭ ރަޖިސްޓްރާއަށް ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. އަދި އެ ޔޫނިއަންގެ ނަން ބަދަލުނުކޮށްފިނަމަ، އެތަނުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހުރަސްއަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ޓީޗަރުންނާއި މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރުމުގެ ފުރުޞަތު އޮތް ނަމަވެސް، އެކަން ކުރަންވާނީ ކަނޑައެޅިފައިވާ ޤާނޫނީ އަދި އިދާރީ އިމުގެ ތެރެއިންނެވެ. ސަރުކާރުގެ ރަސްމީ މުއައްސަސާއެއްގެ ލޭބަލް ބޭނުންކޮށްގެން ހިންގާ ހަރަކާތްތަކުގެ ސަބަބުން، މަދަރުސާގެ ރަސްމީ ހިންގުމަށާއި ސިޔާސަތުތަކަށް ނޭދެވޭ އަސަރުކޮށް، އާންމުންގެ މެދުގައި އޮޅުންބޮޅުން އުފެދުމުގެ ފުރުޞަތު ބޮޑުކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިފަދަ ކަންކަމުގައި ދޫނުދެއްވާނެ ކަމަށާއި، ޤަވާއިދާ އެއްގޮތަށް ނަން ބަދަލުނުކުރާހާ ހިނދަކު މިނިސްޓްރީގެ އެއްބާރުލުން އެ ޔޫނިއަންއަށް ނުލިބޭނެކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
އިސްކަންދަރު ސްކޫލުގެ މުދައްރިސުން އިސްވެ، މުވައްޒަފުންގެ އަޑުއުފުލުމަށް “އިސްކަންދަރު ވޯކާސް ޔޫނިއަން” ގެ ނަމުގައި ޖަމްޢިއްޔާއެއް ރަޖިސްޓްރީކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ނަމަވެސް، ސަރުކާރުގެ ރަސްމީ ތަޢުލީމީ ބިނާތަކުގެ ނަންނަން ބޭނުންކޮށްގެން މަސައްކަތްތެރިންގެ ވަކިވަކި ޖަމާޢަތްތައް ހެދުމަކީ، ސްކޫލްތަކުގެ މަސްލަހަތާއި ހިންގުމަށް ބުރޫއަރާނެ ކަމެއް ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޔޫނިއަންގެ ހަރަކާތްތައް މަދަރުސާގެ ތެރޭގައި ކުރިއަށް ގެންދިއުން މަނާކޮށްފައެވެ.
މި މައްސަލަ އިތުރަށް ހޫނުވެގެންދިޔައީ، ޔޫނިއަންތައް އުފެއްދުމުގެ މިނިވަންކަން ޤާނޫނުން ކަށަވަރުކޮށްދީފައި އޮއްވައި ސްކޫލްގެ ހަރަކާތްތައް ހުއްޓުވި ސަބަބާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ސުވާލުކުރައްވަން ފެށުމާ ގުޅިގެންނެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1