އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް، ހިޒް އެކްސަލަންސީ އެސް. ޕޯލް ކަޕޫރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، މިއަހަރަކީ، ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު ސިޔާސީގުޅުން ޤާއިމު ކުރެވުނުތާ 60އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައި ވެއެވެ. އަދި، ފާއިތުވެދިޔަ ފަސްދޮޅަސް އަހަރު ތެރޭގައި، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް ބައްލަވާލައްވާފައި ވެއެވެ.
ރައީސް އޮފީހުން ބުނީ، ބައްދަލުވުމުގައި،އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ ވަނީ އިޤުތިޞާދާއި ވިޔަފާރި ފުޅާކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލާފައިވާ ކަމަށެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، މޯލްޑިވްސް ފަސްޓް ޕޮލިސީގެ ދަށުން، ތަރައްޤީގެ މަޝްރޫޢްތަކާއި، އިޤްތިސާދު ސިންދަފާތުކޮށް ޤައުމަށް ފައިދާ ހުރި މަޝްރޫޢްތަކަށް ދިވެހިރާއްޖެ ހުޅުވާލެވިފައިވާކަމުގެ ޔަޤީންކަން ދެއްވާފައެވެ. ދެޤައުމަށްވެސް ފައިދާހުރި ކަންކަމުގައި، ދެޤައުމުން އެކީގައި މަސައްކަތް ކުރަން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.