އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ 79 މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދާ ކަމަށް އެ މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީއިން ހާމަކުރިގޮތުގައި،މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 45 މިސްކިތެއްގެ މަޝްރޫއު، 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫއު، 16 ޤުރުއާން ސެންޓަރުގެ މަޝްރޫއުގެ އިތުރުން ވަޤްފުގެ ބިނާ ކުރުމުގެ 6 މަޝްރޫއުއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދީނީ އުމްރާނީ ބިނާތައް ބާރުދުވެލީގައި ތަރައްޤީކުރުމަށް އެ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަަމަށް ވަނީ ބުނެފައެެވެ.
އެ ވުޒާރާ އިން މައުލޫމާތު ދިން ގޮތުގައި،މި ހިނގާ ދައުރުގައި ދީނީ ދާއިރާއިން ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢަކީ މާލެ އަދި ހުޅުމާލޭގައި ބިނާކުރާ “ދާރުލްއަރުޤަމް” އާއި “ދާރުއްސަލާމް” ވަޤްފު އިމާރާތެވެ. މީގެ އިތުރުން، ބޭރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި ބިނާކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ފެށުމަށް ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ.
މީގެ ކުރިން މިސްކިތްތައް މަރާމާތުކުރުމާއި ބިނާކުރުމުގައި ބަޖެޓުގެ ދަތިކަން ކުރިމަތިވި ނަމަވެސް، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ ރާއްޖޭން ބޭރުގެ ހިލޭ އެހީއާއި، އަމިއްލަ ފަންޑުތައް މެދުވެރިކޮށް މިފަދަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.