ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދަފްތަރު. ނަންބަރު ރސ 13449، އަލްފާޟިލް މުޙައްމަދު ޝަކީލު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަލްފާޟިލް މުޙައްމަދު ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ.
ރައީސް ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލާއި ޙަވާލުކޮށްދެއްވާފައެވެ.
ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އިން ލިބިދޭ ބާރުގެ ދަށުން، ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރައްވާފައެވެ. އެ ކޮމިޝަނަކީ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެދިފައިވާ މުއައްސަސާއެކެވެ.
ޝަކީލަކީ ދިވެހިރާއްޖޭގެ އިދާރީ އަދި ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.