މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބާކީ ހުރި ހުރިހާ މަސައްކަތްތަކެއް އަންނަ ޖުލައި މަހުގެ 26 ގެ ކުރިން އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ފާއިތުވި ހަފުތާގައި ފާހަގަކުރި ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން ކުރިއަށްދާ ނަރުދަމާއާއި ފެނުގެ ޚިދުމަތްތަކުގެ ކަނެކްޝަންތައް،މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.މީގެ އިތުރުން، މައި ފެންލައިން އެޅުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާއިރު، ފެންބޮޑުވުން ކުޑަކުރުމަށް ހަދާ ކެޗްޕިޓްތަކާއި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ތިންވަނަ ސެގްމަންޓުގެ ސަބްގްރޭޑިންގ (މަގު އެއްވަރުކުރުމުގެ) މަސައްކަތްތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި ހަމައެއާއެކު، ދުވާރު ހެދުމުގެ މަސައްކަތާއި މަގުބައްތިތައް ހަރުކުރުމުގެ މަސައްކަތްތައް މިހާރުވެސް ހިނގަމުންދާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނު މަގު އަލުން ތަރައްގީކުރުމުގެ މަޝްރޫޢު ވަނީ އެކި ސެގްމަންޓްތަކަށް ބަހާލާފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންދިޔައީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކު އާ ދެމެދުގެ ސަރަހައްދުގައެވެ.އެ ބައިގެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށްފަހު، ދެން މަސައްކަތް ފެށީ މަސްވެރިންގެ ޕާކުން ފެށިގެން 5 ނަންބަރު ފާލަމާ ދެމެދުގައެވެ. އެ ސަރަހައްދު ވަނީ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން، މަސައްކަތް އެއްކޮށް ނިމެންދެން ބަންދުކޮށްފައެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި މި މަޝްރޫއު އެއްކޮށް ނިންމުމަށް ތާވަލުކޮށްފައިވަނީ 455 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1