ރާއްޖޭގައި އަލަށް ބިނާކުރުމަށް ނިންމާފައިވާ ނަފްސާނީ ބަލިތަކަށް ޚާއްސަ “މެންޓަލް ހެލްތު ހޮސްޕިޓަލް” ހުޅުމާލޭގައި އެޅުމަށް ސަރުކާރުން ނިންމައި، އެކަމަށް ބޭނުންވާ ބިން ހަމަޖައްސައިފި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، މި ހޮސްޕިޓަލް އެޅުމަށްޓަކައި ހުޅުމާލެއިން 10,000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭރުގެ ލޯނު އެހީ ހޯދުމުގައި ދިމާވި ބައެއް ލަސްތަކާ ހުރެ، މަސައްކަތް އަވަސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މި ހޮސްޕިޓަލް އިމާރާތްކުރުމަށް ނިންމަވާފައެވެ.
“މިފަދަ ހޮސްޕިޓަލެއް އަޅާއިރު ބޭނުންވާ ތަފާތު ޓެސްޓުތަކާއި، ސްޕެޝަލިސްޓުންނާއި، ހިއުމަން ރިސޯސް މިހާރު ވެސް އެންމެ ގިނައީ މާލޭ ސަރަހައްދުގައި ކަމަށްވާތީ، ބަލިމީހުންނަށް އެންމެ ފުރިހަމަ ފަރުވާއެއް ދެވޭނީ މި ސަރަހައްދުގައި މި ހޮސްޕިޓަލް ހުރެގެން ކަމަށް މިނިސްޓްރީއަށް ފެންނާތީ ހުޅުމާލެއަށް ބަދަލުކުރީ.”
ގީލާ ހާމަކުރެއްވި ގޮތުގައި، ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖެއިން 70,000 އަށްވުރެ ގިނަ މީހުން ވަނީ ސައިކޭޓްރިސްޓުންގެ ފަރުވާ ހޯދާފައެވެ. އަދި މީގެ ތެރެއިން 45,000 އެއްހާ މީހުންނަކީ މާލޭ ސަރަހައްދުން ފަރުވާ ހޯދި މީހުން ކަމަށްވާތީ، މާލޭ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމަމިއާއެކުު، ނަފްސާނީ ބަލީގެ ފަރުވާއަކީ ދިގު މުއްދަތަކަށް ބޭނުންވާ ކަމަކަށްވާތީ، އަލަށް ބިނާކުރާ ހޮސްޕިޓަލަކީ ބަލިމީހުންނަށް ދިގު މުއްދަތެއްގައި ތިބެވޭނެ އަދި އާއިލާގެ ގާތަށް އަނބުރާ ދެވޭނެ މާހައުލެއް އޮތް ތަނަކަށް ހަދަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.އަދި އަލަށް ހަދާ މެންޓަލް ހެލްތު ހޮސްޕިޓަލް ވެގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ބަލިމީހުންނަށް އެންމެ ފުރިހަމަ ޞިއްޙީ ފަރުވާ ލިބިގެންދާނެ ތަނެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، މިފަދަ ބަލިތަކަށް ޚާއްސަ ވަކި ހޮސްޕިޓަލެއް ގާއިމުވެފައި ނެތުމަކީ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ހޮސްޕިޓަލް ބިނާކުރުމަށް މި ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ ލ. ގަމުގައެވެ. ނަމަވެސް، ބޭރުގެ ލޯނު އެހީ ހޯދުމުގައި ދިމާވި ދަތިތަކާއި ލަސްތަކާ ހުރެ، މަޝްރޫޢު އަވަސްކުރުމުގެ ބޭނުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މާލޭ ސަރަހައްދުގައި މި ހޮސްޕިޓަލް އެޅުމަށް ނިންމަވާފައެވެ.