ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް މިއަހަރުގެ މާޗު މަހުގެ 23 ގައި ފަށާފައިވާއިރު، މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މިހާރު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން މަގުތައް ބަންދުކުރަން ޖެހުމުން، މާލޭގެ އުތުރު ފަރާތުގެ ބޭރުމަގުގައި ވަރަށް ބޮޑަށް ޓްރެފިކް ތޮއްޖެހި، އާންމުންނަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތި ވަގުތީގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރީ، މި ތޮއްޖެހުމަށް ހައްލެއް ހޯދުމަށް ޓްރެފިކް ޕޮލިހުން އެދިގެން މާލޭ ސިޓީ ކައުންސިލުންނެވެ.