ރާއްޖޭގެ ގިނަ ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި، ވަގުތީ އިމާމުންގެ މައްޗަށް ބަރޯސާވާންޖެހޭ މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް، މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ ޢަދަދު ގިނަވުމާއި އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުކަމުންކަން މިނިސްޓްރީ އަށް ފާހަގަވެފައިވާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.މީގެ އިތުރުން، އިމާމުކަމުގެ ވަކި ކޯހެއް ނުވަތަ އެއާ ގުޅުންހުރި ސަނަދެއް ނެތް ފަރާތްތަކަށް ވެސް މި ދާއިރާއިން ކުރިއަށްދެވޭނެ އައު މަގެއް ކަނޑައެޅުމަށް މިނިސްޓްރީން ދަނީ މަޝްވަރާ ކުރަމުންކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މިނިސްޓްރީން ކަނޑައަޅާ ވަކި މިންގަނޑުތަކެއްގެ މުގައްރަރެއް އެކުލަވާލައި އާންމުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި އެ މުގައްރަރުގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު އިމާމުކަމާ ގުޅޭ އާންމު އިމްތިހާނެއް ތައާރަފްކޮށް ބޭއްވުމަށާއި، އެ އިމްތިހާނުން ފާސްވާ ފަރާތްތަކަށް މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރުމުގެ ރަސްމީ ހުއްދައެއް ދޫކުރުމަށް ވެސް މިނިސްޓްރީން ރާވަމުންދާ ކަމަށް ޝަހީމް ވިދާޅުވިއެވެ.